17 Dec 2015, 23:35
ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބުރިޖްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ސަރުކާރުން އިއުލާންކޮށްފައި ތާރީހަށް ވުރެ އެކަން ފަސްކޮށްފި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު މިރޭ ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބުރިޖްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާ ތާރީހު މިހިނގާ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.
ބުރިޖްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާނެ ކަމަށް ކުރިން ބުނެފައި ވަނީ މިހިނގާ ޑިސެމްބަރުމަހުގެ 24 ވަނަ ދުވަހު އެވެ.
ރަސްމިއްޔާތު ފަސްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އެގޮތަށް ނިންމެވީ ކީއްވެ ކަމެއް އަދި ވިދާޅުވެފައެއް ނުވެ އެވެ.
1.39 ކިލޯ މީޓަރު ހުންނަ އެ ބުރިޖްގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ. އެހެން ކަމުން 2018ގައި ބުރިޖްގެ މަސައްކަތް މުޅިން ނިއްމާލެވޭނެ ކަމަށް ވެސް ހައުސިން މިނިސްޓްރީ އިން ބުނެ އެވެ.