11 Apr 2011, 13:16
ގަލޮޅު މަދަރުސާގެ ޕްރީ ސްކޫލް ކްލާސްރޫމެއްގައި ހަރުކޮށްފައި ހުރި ތިން ފޫޓުގެ ހޮޅުބުރިއެއް ވެއްޓި ކުއްޖެއްގެ ގައިގައި ޖެހިއްޖެ އެވެ.
މިއަދު ހެނދުނުގެ ސެޝަން ފެށުމުގެ ކުރިން ޔޫކޭޖީގެ ދަރިވަރުންތަކެއް ކްލާސް ރޫމްތެރޭގައި ތިއްބައި ހޮޅިބުރި ވެއްޓި ޖެހުނީ ކުއްޖާގެ ބުރަކަށީގަ އެވެ.
ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ، އެ ހާދިސާގައި ކުއްޖާގެ ބުރަކައްޓަށް ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި އަދި ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އެކަމަކީ އެކްސިޑެންޓަކަށްވާތީ ކުއްޖާގެ ބެލެނިވެރިޔާއާ ވާހަކަދައްކައިގެން ސްކޫލުން އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރި ކަމަށް ވެސް އޭނާ ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން ސަން އިން ސުވާލު ކުރުމުން ސްކޫލުން އެއްވެސް ތަފްސީލެއް ނުދިނެވެ. ގަލޮޅު މަދަރުސާގެ ނާސަރީ ގްރޭޑުތަކާ ހަވާލުވެ ހުންނަވާ އެސިސްޓަންޓް ޕްރިންސިޕަލް ވިދާޅުވީ، އެކަމާ ބެހޭ ގޮތުން ޚަބަރަށް އެއްވެސް މައުލޫމާތު ދެއްވަން ބޭނުންނުވާ ކަމަށެވެ.