17 Dec 2015, 21:36
ޗެލްސީއަށް ގިނަ ކާމިޔާބީތަކެއް ހޯދާދީފައިވާ ހޯސޭ މޮރީނިއޯ އެ ޓީމުގެ ކޯޗުކަމުގެ މަގާމުން މިއަދު ވަކިކޮށްފި އެވެ.
މިދިޔަ ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގު ޗެލްސީއަށް ކާމިޔާބުކޮށްދީފައިވާ މޮރީނިއޯއަށް މި ސީޒަނުގެ ގިނަ މެޗުތަކުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހި، ޓީމު ރެލިގޭޓް ވެދާނެ ކަމުގެ ބިރުވަނީ ބޮޑުވެފަ އެވެ.
އެ ކަންބޮޑުވުންތަކުގެ ތެރޭގައި ޗެލްސީގެ ސަޕޯޓަރުން ތިއްބައި ޗެލްސީގެ ބޯޑުން މިއަދު ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ.
ދެހާސްތޭރަވަނަ އަހަރު ޗެލްސީގެ ކޯޗްކަމާ ހަވާލުވި މޮރީނިއޯ، އެ މަގާމުން ވަކިކުރިކަން އަންގައި ޗެލްސީ އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ މި ސީޒަނުގައި އެ ޓީމަށް އެކަށީގެންވާ ރަނގަޅު ކާމިޔާބީއެއް ހޯދައިނިދެވޭކަން އެ ކުލަބުގެ އިތުރުން މޮރީނިއޯ ވެސް ގަބޫލު ނުކުރާ ކަމަށެވެ. އެހެން ކަމުން ދެ ފަރާތް އެއްބަސްވާ ގޮތުގެ މަތިން މިއަދުން ފެށިގެން ޗެލްސީގެ ކޯޗްކަމުން މޮރީނިއޯ ވަކިކުރީ ކަމަށް އެ ކްލަބުން ބުންޏެވެ.
އެ ބަޔާނުގައި މޮރީނިއޯ ޗެލްސީއަށް ހޯދައި ދީފައިވާ ކާމިޔާބީތަކަށް ޝުކުރު އަދާކޮށް އޭނާއަށް ފަހި ދުވަސްތަކަކަށް އެ ޓީމުން ވަނީ އެދިފަ އެވެ.
މީގެ ކުރިންވެސް ޗެލްސީގެ ކޯޗު ކަމުން ވަކިކޮށްފައިވާ މޮރީނިއޯ ދެ ވަނަ ވަނަ ފަހަރަށް ޗެލްސީގެ ކޯޗުކަމާ ހަވާލުވެ މި އަހަރުގެ އޮގަސްޓް މަހު ވަނީ އޭނާގެ ކޮންޓްރެކްޓް އިތުރު ހަތަރު އަހަރަށް އިތުރު ވެސް ކޮށްފަ އެވެ. ނަމަވެސް މި ސީޒަނުގައި އެ ޓީމް ކުޅުނު 16 މެޗުން 15 ޕޮއިންޓް ލިބިގެން ތާވަލުގެ 16 ވަނާގައި އޮތް އިރު އެކި ފަހަރު މަތިން ވަނީ އޭނާ ވަކިކުރަން އުޅޭ ކަމުގެ އަޑުތަށް ވެސް ފެތުރިފަ އެވެ.
އޭނާ ވަނީ އެ ޓީމަށް ޕްރިމިއާ ލީގު ތިން ފަހަރު، ލީގު ކަޕް ތިން ފަހަރު އަދި އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށް އެޓީމަށް އެންމެ ގިނަ ޓްރޮފީ ހޯދައިދީ އެންމެ ކާމިޔާބު ކޯޗަށް ވެފަ އެވެ.
ޗެލްސީގެ ބަޔާނުގައި ވާ ގޮތުން ހުސްވެފައިވާ އެ ޓީމްގެ ކޯޗްގެ މަގާމަށް މީހަކު ގެނައުމުގެ މަސަތްކަތް އަދި ފަށާފައި ނުވާ ކަމަށާއި މި ދަނޑިވަޅުގައި އެ ޓީމުގެ ވިސްނުން ހުރީ މިހާރު އެ އޮތް ހުނަރުވެރި ސްކޮޑުން ރަނގަޅު ނަތީޖާތަކެއް ނެރުން ކަމަށެވެ.