17 Dec 2015, 21:23
(14 ޑިސެމްބަރުގެ އަދަދާގުޅޭ)
ކައުސާހިބާصلّى اللّـه عليه وسلّمއެއްދުވަހަކު އަހަރެމެންގެ ގާތަށް ވަޑައިގެންނެވިއިރު،السّيّدة سودةވެސް އަހަރެމެންގެ ގޭގައި އިންނެވިއެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمއިށީނދެވަޑައިގަތީ އަހަރެމެން ދެމީހުންގެ ދޭތެރޭގައެވެ. އެދުވަހު އަހަރެން ކައްކައިފައި ހުރީ ޙަރީރާއެވެ. އިތުރު ސާހިބާ ފަރީއްކުޅުއްވާން ފެއްޓެވުމުން، އަހަރެންسودةގެ އަރިހުގައި ދެންނެވީމެވެ. ކަމަނާވެސް ފަރީއްކުޅުއްވާށެވެ.سودةއެކަމާ އިންކާރު ކުރެއްވުމުން، އަހަރެންسودةގެ އަނގަފުޅުމަތީގައި ޙަރީރާކޮޅެއް އުނގުޅައިލައިފީމެވެ.سودةވެސް އަހަރެންގެ އަނގަމަތީގައި ޙަރީރާކޮޅެއް އުނގުޅުއްވައިލެއްވިއެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمއަހަރެމެންގެ ޙަރަކާތާމެދު ވަރަށްބޮޑަށް ހިނިވަރުނަކުރެއްވިއެވެ.
أمّ المؤمنين السّيّدة سودة رضى اللّـه عنهاއަށް، ކައުސާހިބާصلّى اللّـه عليه وسلّمގެ ފަރާތްޕުޅުން ދައްޖާލުގެ ފިތުނައިގެ ވާހަކަ އަޑުއިވިވަޑައިގަތީއްސުރެ، އެކަމަނާ ދައްޖާލުދެކެ ވަރަށްބޮޑަށް ބިރުފުޅުގެން ވަޑައިގަންނަވައެވެ. ދައްޖާލާބެހޭ ވާހަކައެއް ދައްކައިލިޔަސް،سودةބިރުފުޅުން ފިތްކަނޑައިގެންދާ ވަރުވެއެވެ. ކައުސާހިބާގެ ހުރިހާ އަނބިއަނބިކަނބަލުންނަށްވެސް އެކަން އޮތީ އެނގިވަޑައިގެންފައެވެ.
أمّ المؤمنين السّيّدة عائشةرضى اللّـه عنهاއާއި،أمّ المؤمنين السّيّدة حفصة رضى اللّـه عنهاއާ ދެބޭކަނބަލުން އެއްދުވަހަކު ސަމާސާފުޅު ކުރެއްވުމުގެ ގޮތުން،سودةގެ އަރިހުގައި ދައްޖާލުގެ ވާހަކަ ދެއްކެވިއެވެ. އެދެބޭކަނބަލުން ސުވާލުކުރެއްވިއެވެ.
"ކަމަނާ ޚަބަރު އައްސަވައިފީމުތޯއެވެ؟"
السّيّدة سودةވިދާޅުވިއެވެ. "ކޮން ޚަބަރެއްތޯއެވެ؟"
عائشةއާއިحفصةޖަވާބު ދެއްވިއެވެ. "ދައްޖާލު ފާޅުވެއްޖެއެވެ!"
އެވާހަކަ އަޑުއިވިވަޑައިގަތުމާއެކު،السّيّدة سودةބިރުފުޅުން ދުވެވަޑައިގެންފައި ވަޑައިގެން، ކައިރީގައިހުރި ކުޑަކުޑަ ކޮޓަރިއަކަށް (ބައެއް ރިވާޔަތްތަކުގައިވާ ގޮތުން، ފޭލިގެއަކަށް) ވެދެވަޑައިގެން ފިލައިވަޑައިގެންނެވިއެވެ. އެތާނގައި މަކުނުވާތަކާއި ދުންތައް ވަރަށް ގިނައިން އޮތެވެ.السّيّدة عائشةއާއިالسّيّدة حفصةހިނިފުޅުވަޑުވާން ފެއްޓެވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمއަށް އެވަގުތު އެތަނަށް ވަޑައިގެންނެވިއްޖެއެވެ. އިތުރު ސާހިބާ ސުވާލުކުރެއްވިއެވެ. ތިޔަ ދެބޭކަނބަލުން ހިނިފުޅުވަޑުވަނީ ކޮންކަމަކާތޯއެވެ.السّيّدة عائشةއާއިالسّيّدة حفصةވިދާޅުވިއެވެ. ކަންވީގޮތަކީ މިއީއެވެ.السّيّدة سودةމިހިރަ ކޮޓަރީގައި ފިލައިވަޑައިގެން އެބައިންނެވިއެވެ.
ކައުސާހިބާصلّى اللّـه عليه وسلّم،سودةގެ ހިތްޕުޅު ހަމަޖައްސަވައި ދެއްވިއެވެ. އެކޮޓަރީގެ ދޮރުމައްޗަށް ހުއްޓިވަޑައިގެން ވިދާޅުވިއެވެ. "سودةއެވެ! ބޭރަށް ނުކުމެވަޑައިގަންނަވާށެވެ. ދައްޖާލެއް އަދި އެހެން އެއްޗެއްވެސް މިތަނަކަށް ނާދެއެވެ."
އިތުރު ސާހިބާގެ އަޑުފުޅު އިވިވަޑައިގަތުމުން،السّيّدة سودةބޭރަށް ނުކުމެވަޑައިގެންފިއެވެ. ކަންހިނގިގޮތް އެނގިވަޑައިގަތުމުން،السّيّدة سودةވެސް ހިނިފުޅުވެޑުވިއެވެ.
ޝައްކެއްނެތެވެ. މިބާވަތުގެ ކަންތައް ހިނގާނީ، އެގެއެއްގެ އަހުލުވެރީން އެކަކު އަނެކަކަށް ވަރަށް ހިތްސާފު ގެއެއްގައެވެ. އެކުވެރިކަމުގެ ގުޅުން ބޮޑު، ރަޙްމަތްތެރި ބަޔެއްގެ މެދުގައެވެ. އެކަކު އަނެކަކުދެކެ ލޯބިވާ، ހަމްދަރުދީވާ ބަޔެއްގެ ތެރޭގައެވެ.
أمّ المؤمنين السّيّدة سودة بنت زمعة رضى اللّـه عنهاގެ ބައްޕާފުޅާ ދެބެއިންގެ ދެދަރި ބޭކަލެއް ކަމުގައިވާسُهيل بن عَمروއަކީ އެކަމަނާގެ ކުރީގެ ފިރިކަލުންالسّكرانގެ އަޚެކެވެ.سُهيلއަކީ ޤުރައިޝްވަންހައިގެ ބޮޑުންކުރެ އެންމެ ތަޖުރިބާކާރު، އެންމެ ރޯފިލައިފައިވާ ސިޔާސީ އެއް ޝަޚުޞިއްޔަތެވެ. ޤުރައިޝުންގެ ވާހަކަދެއްކުންތެރިޔާގެ ނަންފުޅުން މަޝްހޫރުވެވަޑައިގެންފައިވާ ކުޅަދާނަފުޅު ވާހަކަދެއްކެވުންތެރިޔާއެވެ. އޭނާ އިސްލާމްވެވަޑައިގަތީ، މައްކާ ފަތަޙަކުރެއްވި ދުވަހުއެވެ.
ބަދުރު ހަނގުރާމައިގެ އަސީރުންގެ ތެރޭގައިسُهيلވެސް ހިމެނިވަޑައިގެންނެވިއެވެ. އޭނާ ހުންނެވީ، ޞަޙާބީންގެ ތެރެއިންمالك بن ذخثمގެ ބެލެހެއްޓެވުމުގެ ދަށުގައެވެ. އިސްލާމީ ލަޝްކަރު މަދީނާއަށް ދަތުރުކުރި މަގުމަތީގައިسُهيل، مالكގެ އަރިހުގައި ވިދާޅުވިއެވެ. އަޅުގަނޑު ޤަޟާޙާޖަތެއް ކޮށްލާން ބޭނުންވެއެވެ. އެހެންކަމުން، ކުޑަކޮށް މަޑުކޮށްލަދެއްވާށެވެ.مالك،سُهيلގެ ބަސް ޤަބޫލުކުރައްވައި،سُهيلގޮވައިގެން ލަޝްކަރާ ދުރަށް އެއްފަރާތަކަށް ޖެހިވަޑައިގެންނެވިއެވެ.سُهيلޤަޟާޙާޖަތް ކުރައްވަން ފުރުޞަތު ދެއްވައިފައިمالكދުރަށް ވަޑައިގަތުމާއެކުسُهيلފުރުޞަތުގެ ބޭނުންކުރައްވައިގެން ފިލައިވަޑައިގަންނަވާން މަސައްކަތް ކުރެއްވިއެވެ. ދުވެވަޑައިގެންފައި ވަޑައިގެން ގަސްތަކެއްގެ ނިވަލުގައި ފިލައިވަޑައިގެންނެވިއެވެ.
مالكއަވަސްއަވަހަށް ވަޑައިގެން، އިތުރު ސާހިބާއަށް އެޚަބަރު ދެއްވިއެވެ. އިތުރު ސާހިބާ އިސްލާމީ ލަޝްކަރު މަޑުކުރައްވައި،سُهيلހޯދަން އަމުރުކުރެއްވިއެވެ.سُهيلއަތުލައިގަނެ، ހައްޔަރުކުރުމަށް ނުވަތަ ޤަތުލުކޮށްލުމަށް އެންގެވިއެވެ. މުޖާހިދުން އޭނާ ހައްޔަރުކުރައްވައި، ދެއަތްޕުޅު ފުރަގަހަށް ލައްވައި، ކަނދުރާފުޅާއެކު ބެންނެވިއެވެ. އޭނާ މަދީނާއަށް ގެނެވުނީ އެގޮތުގައެވެ.
السّيّدة سودةއަށް އެކަމަނާގެ ނުހަނު ގާތްތިމާގެފުޅު ޅިޔަނަކު އެގޮތަށް ހައްޔަރުވެވަޑައިގެންފައި ހުންނަވަނިކޮށް ފެނިވަޑައިގަތުމުން،سُهيلގެ ހިތްޕުޅުގައި ޣީރަތު އުފެއްދެވުމުގެ ގޮތުން ވިދާޅުވެވުނެވެ. "ތިޔަފަދަ ނިކަމެތިގޮތަކަށް ދުނިޔޭގައި ހުންނެވުމަށްވުރެ ކަލޭގެފާނަށް ރަނގަޅުވީހީ ޝަރަފުވެރިކަމާއެކު އަވަހާރަވުމެވެ. ކަލޭގެފާނު ހައްޔަރުވެވަޑައިގަތުމަކުން ލަދުފުޅުގެންވަޑައެއް ނުގަންނަވާތޯއެވެ؟"السّيّدة سودةއެހެން ވިދާޅުވިއިރަކު، އެކަމަނާއަކަށް، އިތުރު ސާހިބާصلّى اللّـه عليه وسلّمއެކަމަނާގެ ވާހަކަފުޅު އަޑުއައްސަވާން ހުންނެވިކަމެއް އެނގިވަޑައެއް ނުގަންނަވައެވެ.
ކައުސާހިބާ އެވަގުތު ޙަދީޘު ކުރެއްވިއެވެ.سودةއެވެ! ކަމަނާ އޭނާގެ ހިތުގައި މާތްاللّـهއާއި އެކަލާނގެ ރަސޫލާއާމެދު ނަފްރަތު އުފައްދަވަނީތޯއެވެ؟"
سودةއަވަސްއަވަހަށް ވިދާޅުވިއެވެ. "އޭ މާތްاللّـهގެ ރަސޫލާއެވެ! އަޅުގަނޑަށް މަޢާފް ކުރައްވާށެވެ. ޙަޤީޤަތުގައިވެސް މި މަންޒަރު ފެނިފައި އަޅުގަނޑަށް ބަރުދާސްތު ނުކުރެވުނީއެވެ. ބޭއިޚްތިޔާރުގައި އަޅުގަނޑުގެ ދުލުން އެބަސްތައް ބޭރުކުރެވުނީއެވެ. އަޅުގަނޑަކީ މާތްاللّـهއާއި އެކަލާނގެ ރަސޫލާއަށް ބޯލަނބާ މީހަކީމެވެ. ކިޔަމަންތެރިވާ މީހަކީމެވެ. އަޅުގަނޑުގެ ވާހަކަޔާމެދު ކަލޭގެފާނު ނުޤަބޫލުފުޅުވެވަޑައިގެންފިނަމަ، އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން މަޢާފް އެދެމެވެ."
ކައުސާހިބާصلّى اللّـه عليه وسلّمހިނިވަރުނަ ކުރައްވައިالسّيّدة سودةއަށް މާފުދެއްވިއެވެ. ހަމައެއާއެކު، އަސީރުންނަށް ހެޔޮކޮށް ހިތުމަށް ޢާއްމު އިޢުލާނެއް ކުރެއްވިއެވެ. އެބޭކަލެއްގެ ބެއްލެވުމުގެ ދަށުގައިހުރި އަސީރަކަށް ހެޔޮކޮށް ހިއްތެވުމަށް ޞަޙާބީންނަށް އަމުރުކުރެއްވިއެވެ. އިތުރު ސާހިބާގެ އަމުރުފުޅަށް ޞަޙާބީން ޢަމަލުކުރެއްވިއެވެ. އެއަށްފަހު ޞަޙާބީންގެ ކޮންމެ ބޭކަލަކުވެސް ފަރީއްކުޅުއްވުމުގެ ކުރީން އެބޭކަލެއްގެ ޙަވާލުގައިހުރި އަސީރަކަށް ކާންދެއްވައެވެ.
ފަރުދާގެ އާޔަތް ބާވައިލެއްވުން
މަދީނާގެ އެދުވަސްވަރުގެ ޙާލަތު ނިޔާކުރާގޮތުން،أمّهات المؤمنينވެސް މަދީނާގެ އާދަކާދައިގެމަތީން ޤަޟާޙާޖަތަށް ވަޑައިގެން އުޅުއްވީ ރަށްބޭރުގައި އޮންނަ ޖަންގަލިތަކުގެ ތެރެއަށެވެ. ނަމަވެސްعمرالفاروق رضى اللّـه عنــهއެކަމަކާ ހިތްޕުޅު ހަމަޖެހިވަޑައެއް ނުގަންނަވައެވެ.عمرގެފާނު ދެކެވަޑައިގަންނަވާގޮތުގައި، މުއުމިނުންގެ މައިކަނބަލުން ތިއްބަވާން ޖެހިވަޑައިގަންނަވާނީ ފަރުދާގައެވެ. އެހެންކަމުންعمررضى اللّـه عنــهކައުސާހިބާصلّى اللّـه عليه وسلّمގެ ހިރިޔާފާތުރާގެ ދަށަށްވެސް އެމައްސަލަ ހުށަހެޅުއްވިއެވެ. ނަމަވެސް، ކައުސާހިބާ އެކަމަކަށް ޖަވާބުފުޅެއް ނުދެއްވައެވެ. ކަމާގުޅޭގޮތުން، އިލާހީ އަމުރުފުޅެއް އައިސްފައި ނުވާތީއެވެ.
އެދުވަސްވަރު،أمّ المؤمنين السّيّدة سودةއެއްރެޔަކު ޤަޟާޙާޖަތަކަށް ބޭރަށް ނުކުމެވަޑައިގެންނެވިއެވެ.أمّ المؤمنينއަކީ އިސްކޮޅުފުޅު ދިގު، ސަމައްތަރުފުޅު ހެޔޮ ބޭކަނބަލެކެވެ. އެކަމަނާ ދަންނަ މީހެއްކަމުގައިވާނަމަ، ރޭގަނޑުވެސް އެކަމަނާ ފާހަގަކުރެވޭނެއެވެ. އެކަމަނާއާعمرގެފާނާ މަގުމަތީން ބައްދަލުވެވަޑައިގަތުމުން،عمرގެފާނު ވިދާޅުވިއެވެ.
"އޭسودةއެވެ! އަޅުގަނޑަށް ކަމަނާ އެނގިއްޖެއެވެ."
عمرގެފާނުގެ ބަސްފުޅާމެދުأمّ المؤمنينހިތްޕުޅު ހަމަޖެހިވަޑައެއް ނުގެންނެވިއެވެ. އެހެންކަމުން އެނބުރިވަޑައިގެން ކައުސާހިބާގެ އަރިހުގައި އެކަމުގެ ޝަކުވާކުރެއްވިއެވެ. ފަރުދާގެ އާޔަތް ބާވައިލެއްވީ، މި ޙާދިޘާއާ ވިދިގެންނެވެ. މިއީ ޞަޙީޙު ބުޚާރީގެ އެއްރިވާޔަތެއްގައިވާ ގޮތެވެ. ނަމަވެސް، ޙިޖާބުގެ އާޔަތުގެ ސަބަބުއްނުޒޫލާމެދު ޢިލްމުވެރީންގެ މެދުގައި ޚިލާފެއް އުޅެއެވެ. ފިޤުހުވެރީންކުރެ ޖަމާޢަތެއްގެ ބޭކަލުންގެ ނަޒަރުގައި ފަރުދާގެ އާޔަތް ބާވައިލެއްވީ، ކައުސާހިބާصلّى اللّـه عليه وسلّم،السّيّدةزينب بنت جحشرضى اللّـه عنهاއާ ކާވެނިބައްލަވައިގެން، އެކަމުގެ މުނާސަބާގައި ބޭއްވެވި ވަލީމާގެ ޙާދިޘާއާ ވިދިގެންނެވެ.
(ނުނިމޭ)