ވައިގެ މަގުން އެތެރެކުރާ މުދަލުގެ ތެރެއިން ފިނިކޮށްފައި ބަހައްޓަން ޖެހޭ ތަކެތި ވަގުތީ ގޮތުން ރައްކާ ކުރުމަށް އިބުރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި ބައެއް އިތުރުކޮށްފި އެވެ.

އެއާޕޯޓްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "އިމްޕޯޓް ޗިލާ ފެސިލިޓީ" ހުޅުވައިދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑައިރެކްޓަރު މޫސާ އާދިލެވެ.

އެމްއޭސީއެލް އިން ބުނީ މިއަދު ހުޅުވި ފެސިލިޓީއަކީ މަތިންދާ ބޯޓުން ބާލައިގެން ގެންނަ ތަކެތި ޕަލެޓާ އެއްކޮށް ވަގުތުން ވައްދައިލެވޭ ފަދަ ފެސިލިޓީއެއް ކަމަށެވެ. އަދި ބުނީ އެފަދަ ތަނެއް ނެތުމުގެ ސަބަބުން ގިނަ އިރު މުދާ ބޭރުގައި ބަހައްޓަން ޖެހުމަކީ ކާގޯ ޑިޕާޓްމަންޓަށް އެންމެ ބޮޑު މައްސަލައިގެ ގޮތުގައި އޮތް ކަންތައް ކަމަށެވެ. މިއަދު ހުޅުވި ފެސިލިޓީގެ ސަބަބުން އެ މައްސަލައަށް ހައްލެއް ލިބޭނެއެވެ.

އައިއެންއޭގައި މިއަދު ވަނީ އާ އޭޕްރަން އެއް ހުޅުވައި ކޮމާޝަލް މަތިންދާ ބޯޓްތަކާއި އަމިއްލަ މަތިންދާ ބޯޓްތައް ޕާކްކުރާނެ ޖާގަ ވެސް ބޮޑުކޮށްފައެވެ.

އައިއެންއައިއޭގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި ނޯތު އޭޕްރަން ހުޅުވައި ދެއްވީ ޓުވަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގފޫކާން އެވެ.