އިބްރާހިމް ނާސިރު އިންޓަނޭޝަން އެއާޕޯޓު (އައިއެންއައިއޭ)ގެ އުތުރުފަރާތު އޭޕްރަން ހުޅުވައި ފުލައިޓުތަކާއި ޕްރައިވެޓް ޖެޓުތައް ޕާކު ކުރާނެ ޖާގަ ބޮޑުކޮށްފި އެވެ.

އައިއެންއައިއޭގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި ނޯތު އޭޕްރަން ހުޅުވައި ދެއްވީ ޓުވަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގފޫކާން އެވެ.

އެ ރަސްމިއްޔާތަށްފަހު ހުޅުލޭ އައިލެންޑު ހޮޓެލަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ އަލަށް ހުޅުވިގެން ދިޔަ އޭޕްރަން ހުޅުވިގެން ދިޔައީ ވަރަށް ރަނގަޅު ދުވަސްވަރެއްގައި ކަމަށެވެ. އެގޮތުން މި ދުވަސްވަރަކީ ރާއްޖެއަށް ގިނަ ފަތުރުވެރިންތަކެއް އަންނަމުން އަންނަ ދުވަސްވަރެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިއަދު ހުޅުވިގެން ދިޔަ އޭޕްރަންގެ ސަބަބުން ފައިދާތަކެއް ފަތުރުވެރިކަމުގެ ދާއިރާ އަށް ކުރާނެ ކަމަށެވެ.

ޓުވަރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަލަށް ހުޅުވިގެން ދިޔަ އޭޕްރަންއާ ގުޅޭގޮތުން ނޫސްވެރިން ނާ ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިދުވަސްވަރަކީ ރާއްޖެއަށް އަމިއްލަ ފަރާތްތަކުގެ ޖެޓު ފަދަ އެއްޗެހި އަންނަ ދުވަސްވަރަކަށްވެފައި އެ އެއްޗެހި ޕާކު ކުރުމަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ. މިކަމަކީ ރައީސް އަބްދުﷲ ޔާމީނު ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާ ކުރެއްވުމުގެ ގޮތުން ރާވާފައިވާ ޕްލޭނުގައި ހިމެނޭ ކަމެއް. އެ ޕްލޭނުގެ ތެރެއިން މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން މިހާރު ކުރެވެމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ އައިއެންއައިއޭގެ ޓާމިނަލުގެ މަސައްކަތާއި އާ ރަންވޭގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާނެ ކަމަށެވެ. އަދި ވިދާޅުވީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ބިޑަށް ހުށަހެޅި މާޗު މަހުގެ ތެރޭގައި ބިޑު އިވެލިއުއޭޓު ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

އާ އޭޕްރަންގައި ބޯޓެއް ޕާކު ކުރަން އަންނަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދުގެ ރަސްމިއްޔާތުގައި އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އާދިލް ވިދާޅުވީ މިއަދު ހުޅުވިގެން ދިޔަ އާ އޭޕްރަންގެ ސަބަބުން އެއާޕޯޓުގެ ޕާކިންއަށް މިހާރު ޖެހުމުންދާ މައްސަލަތައް ހައްލުވެގެންދާނެ ކަމަށެވެ. އަދި އާ އޭޕްރަން ހުޅުވިގެން ދިއުމަކީ އެއާޕޯޓުގެ ތަރައްގީ އަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިގޮތުން އަޅުގަނޑުމެންނަށް މި ވޭތުވެދިޔަ އަހަރުތަކުގައި ފާހަގަކުރެވެނީ ހާއްސަކޮށް ޑިސެމްބަރު މި ސީޒަންގެ ތެރޭގައި އަޅުގަނޑުމެންނަށް ގިނަ އެއާކުރާފްޓައް ޕާކު ނުކުރެވިގެން ރާއްޖޭގެ އެހެން ސަރަހައްދުތަކަށާއި އަދި ބޭރުގެ ގައުމުތަކަށް އެއާކްރާފްޓުތައް ފޮނުވާލަންޖެހިފައި އެބަހުރި،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ހުޅުވި އޭޕްރަންގެ ސަބަބުން 25 އެއާކްރާފްޓް އެއްފަހަރާ ޕާކު ކުރެވިގެންދާނެ ކަމަށެވެ. އަދި ހަތަރު ވައިޑު ބޮޑީ އެއާކްރާޓު ޕާކު ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.