"ރެސްޕެކްޓް"ގެ ނަމުގައި ، މުޖުތަމައުގައި އިހްތިރާމް ކުރުމުގެ ރިވެތި އާދަ އަށަގެންނެވުމަށް ގައުމީ ކެމްޕޭނެއް ފަށައިފި އެވެ.

ދައުލަތުގެ މީޑިއާ އިން އިސްނަގައިގެން ފެށި މި ގައުމީ ކެމްޕޭން އިފްތިތާހު ކޮށްދެއްވީ ޓީވީއެމް ގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ހަލީލް ވިދާޅުވީ އެ ކެމްޕޭނަކީ ވަކިވަކި ފަރުދުންނަށާއި ދައުލަތުގެ ހައްގުތަކަށް އިހްތިރާމް ކުރުމުގެ ސިފަ މުޖްތަމައުގައި އަށަގެންނެވުމަށް އިލްތިމާސް ކުރެއްވުމާއި ގުޅިގެން ފެށި ކެމްޕޭނެއް ކަމަށެވެ.

ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ފޮނުއްވި މެސެޖްގައި ވިދާޅުވެފައި ވަނީ ވަކިވަކި ފަރުދުންނާއި މުޖްތަމަ އާއި ދައުލަތުގެ ހައްގުތަކަށާއި ޒިންމާތަކަށް އިހްތިރާމް ކުރުން ދިވެހި މުޖްތަމައުގައި އަވަގަންނުވަން ޖެހޭ ކަމަށެވެ.

ހަލީލް ވިދާޅުވީ މިއީ ވަރަށް ފުޅާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކެމްޕޭނެއް ކަމަށާއި މިއީ ނިންމާ ނުލާނެ ކެމްޕޭނެއް ކަމަަށެވެ. އަދި މި ކެމްޕޭނުން ދަސްކޮށްދޭނީ އިހްތިރާމް ކުރާށާއި އިހްތިރާމް ހޯދުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަރުގަދަ ކެމްޕޭނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި، ރާއްޖޭގެ ހުރިހާ ރަށްތަކާއި ދައުލަތުގެ ވުޒާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ވަކި ވަކި ފަރުދުން ބައިވެރިކޮށްގެން އެކި ސިފަސިފައިގައި މި ކެމްޕޭން ކުރިއަށް ގެންދާނެ ކަމަށެވެ.

"ސޯޝަލް މީޑިއާގެ ބިޔަ ވަރުގަދަ ކެމްޕޭނެއް އަޅުގަނޑުމެން ފަށާނަން. ރަށްތަކުގެ ހޮޅިއަށިތަކުން ގޮނޑުދޮށްތަކާ ހަމައަށް މި ކެމްޕޭން ގެންދާނަން. އެންޖީއޯތައް މީގައި ބައިވެރި ކުރާނަން. ގައުމުގެ ކުންފުނިތައް މީގައި ޝާމިލް ކުރާނަން،" ޚަލީލް ވިދާޅުވިއެވެ.

އޭގެ އިތުރުން މި ކެމްޕޭނަކީ ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެ ކެމްޕޭނަކަށް ހެދުމަށް ކެމްޕޭނުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ކެމްޕޭން ވިލަރެސް ކުރާނެ ކޮމިޓީއެއް އެކުލަވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކެމްޕޭން އިފްތިތާހް ކުރުމުގެ ކުރިންވެސް، މި ކެމްޕޭނުގައި އައިލެންޑް އޭވިއޭޝަން އާއި ޓުއަރިޒަމް މިނިސްޓްރީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ބައިވެރިވެފައިވާ ކަމަށެވެ.

ހަލީލް ވިދާޅުވީ މި ކެމްޕޭނަކީ ފައިދާ ހުރި ކާމިޔާބު ކެމްޕޭނަކަށް ވާނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތް ކަމަށެވެ.