17 Dec 2015, 17:48
ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ބަންދުގައި ތިއްބެވި އެހެން ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލުމަށް ގޮވާލައި، ޔޫރަޕިއަން ޕާލަމެންޓުން ގަރާރެއް ފާސްކޮށްފި އެވެ.
އެ ގަރާރުގައި ގޮވާލާފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމަށްވާ ކާނަލް ނާޒިމާއި ތޮލްހަތު އިބުރާހީމާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާން ޢަބުދުﷲ މިނިވަން ކުރުމަށެވެ.
އީޔޫގެ ޕާލަމެންޓްގެ ވެބްސައިޓްގައި ގަރާރާ ބެހޭ ގޮތުން އާއްމު ކުރި ހަބަރުގައި ބުނެފައި ވަނީ ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލުތައް މަޑުމަޑުން ދަށަށް ގޮސް ޚުދުމުޚުތާރުކަމާ ދިމާލަށް ދާތީ މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި ކަމަށެވެ.
ގަރާރުގައި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ގޮވާލާފައި ވަނީ ޓޫރިސްޓުންގެ ގޮތުގައި ރާއްޖެއަށް ދަތުރުކުރަން ޕްލޭންކުރާ އެގައުމުތަކުގެ ރައްޔިތުންނަށް ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ ގޮތުން ތަފުސީލީ އިންޒާރު ދިނުމަށެވެ. އަދި ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސް އިން ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ކައިރިން ބެލަމުން ދިއުމަށް ވެސް ގަރާރުގައި ގޮވާލާފައިވެ އެވެ.
ގަރާރު ފާސްކޮށްފައި ވަނީ 563 މެމްބަރުންގެ ވޯޓުންނެވެ. ގަރާރާ ދެކޮޅަށް ވޯޓްދީފައި ވަނީ 31 މެމްބަރުންނެވެ. އަދި 32 މެމްބަރަކު ވަކިކޮޅަކަށް ވޯޓް ދީފައެއް ނުވެއެވެ.