ސަރުކާރުން ޑޮލަރުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ސަރުކާރަށް ލިބޭ އާމްދަނީ 20 ޕަސެންޓް އިތުރުވެ، ތަކެތީގެ އަގު 20 ޕަސެންޓަށް ބޮޑުވާނެ ކަމަށް ބުނެ އިދިކޮޅު މެންބަރުން މަޖިލީހުގައި ވާހަކަ ދައްކަވައިފި އެވެ.

ޑޮލަރުގެ އަގަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން އިދިކޮޅު ޑީއާރުޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވީ، އެކަމަކީ ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށްޓަކައި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ގެންނަން ޖެހޭ ބަދަލު ސަރުކާރުން ނުގެނައުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށެވެ.

"މިހާލަތަށް އަންނަން ޖެހުނީ ސަރުކާރުން ފައިސާ ޗާޕުކޮށްގެންނާއި ކްރެޑިޓަށް ފައިސާ ނަގައިގެންނާއި ދައުރު ކުރަމުންދާ ފައިސާގެ އަދަދު އިތުރު ކުރުމުގެ ސަބަބުން. އިއްޔެ ނިންމި ނިންމުމުގެ ސަބަބުން ކުރިހާ އެއްޗެއްގެ އަގު ވިހި ޕަސެންޓަށް އުފުލޭނެ. ރިޒޯޓްތަކުން ސަރުކާރަށް ލިބޭ އާމްދަނީ 20 ޕަސެންޓް މައްޗަށް ދާނެ. އިމްޕޯޓް ޑިއުޓީ ނަގާނީ މިހާރު ހުރި ރޭޓުން ކަމަށްވާތީ އިމްޕޯޓް ޑިއުޓީން ސަރުކާރަށް ލިބޭ އާމްދަނީ ވެސް އެތައް ގުނައަކަށް މައްޗަށް ދާނެ. ސަރުކާރުގެ އާމްދަނީ 20 ޕަސެންޓް މައްޗަށް ދިޔައިރު ހުރިހާ ބުރައްއެއް އުފުލަން މިޖެހެނީ ނިކަމެތިންނަށް،" ތަސްމީން ވިދާޅުވި އެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ، ސަރުކާރުން އިއްޔެ ޑޮލަރު ގަންނަ އަގު 15.42 ރ އަށް ބޮޑު ކުރުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ފުންމިންނޭނގޭ ވަޅުގަނޑަކަށް ވެއްޓި ރައްޔިތުން ހާލުގައި ޖެހިދާނެކަމުގެ ބިރު އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި ޑޮލަރުގެ އަގު އުފުލި ދިވެހި ރުފިޔާގެ އަގު ވައްޓައި ލުމުގެ ސަބަބުން ބޭރުގައި ކިޔަވަންތިބި އެތައް ޒުވާނުންނެއް ނިކަމެތިވެ، ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ދަތުރު ކުރާ ނިކަމެތި ރައްޔިތުންނަށް އެތައް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތަށް އެކްސްޗޭންޖް ރޭޓާކުޅެ މަނިޓަރީ ސިޔާސަތަށް އަތް ބާނަން މަސައްކަތް ކުރުމުގެ ސަބަބުން ރާއްޖޭގެ ސެންޓްރަލް ބޭންކުގެ މިނިވަންކަމަށް ހުރަސްއެޅި، ބައިނަލް އަގްވާމީ މާލީ އިދާރާތަކާއި އިންވެސްޓަރުންގެ މެދުގައި އިތުބާރު ގެއްލެމުންދާހިނދު ޑޮލަރުގެ ރޭޓަށް ގެނައި ބަދަލުގެ ސަބަބުން ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ހާލުގައި ޖެހިދާނެކަމުގެ ބިރު ހީވެފައިވާ ކަމަށެވެ.

"ސަރުކާރުގެ ދޯހަޅި މާލީ ސިޔާސަތުގެ ސަބަބުން ކުރިމަތި ވެފައިވާ ގިލަންވެރިކަމުން ސަލާމަތް ވުމަށް އަމިއްލަ އަމިއްލައަށް ކަންކަން ނިންމުމުގެ ހުދުމުހުތާރު ގޮތް ދޫކޮށްލައި މަޝްވަރާގެ އުސޫލު ކުރިއަށް ނެރެ މިފަދަ ބޮޑެތި ނިންމުންތައް ނިންމުމުގެ ކުރިން ވިޔަފާރި ވެރިންނާއި ކަމާބެހޭ އެހެން ފަރާތްތަކާ މަޝްވަރާ ކުރުމަށް ގޮވާލައި، ޑޮލަރު އަގު ބޮޑު ކުރުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތި ވެފައިވާ ދަތި އުނދަގޫތަކުން ސަލާމަތްވާނޭ ސިޔާސަތެއް އެކުލަވާލައި އެފަދަ ސިޔާސަތެއް ތަންފީޒު ކުރުމަށް އިލްތިމާސްކޮށް ހުށަހެޅުއްވި މައްސަލައެއް މީ. އަޅުގަނޑު ގޮވާލަން އެމްއެމްއޭގެ ގަވަރުނަރު މަޖިލީހަށް ހާޒިރުކޮށް ޕަބްލިކް އިންކުއަރީއެއް ހިންގަން. ކޮބައިތޯ އެމްއެމްއޭގެ ގަވަރުނަރާ މި ސަރުކާރާ ދެކެވުނު ވާހަކަތަކަކީ،" އަލީ ވަހީދު ވިދާޅުވި އެވެ.

ތުލުސްދޫ ދާއިރާގެ ރޮޒެއިނާ އާދަމް ވިދާޅުވީ، ޑޮލަރުގެ އަގަށް މި ގެނައި ބަދަލާ ގުޅިގެން އިއްޔެ ވެސް ބައެއް ފިޔާރަތަކުން ތަކެތީގެ އަގު ބޮޑު ކޮށްފައިވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ޑޮލަރުގެ އަގަށް ގެނައި ބަދަލުގެ ސަބަބުން އިތުރުވާ ފައިދާ ހޭދަވެގެންދާނެ ގޮތާމެދު ވިސްނަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން އިތުރު ސިޔާސީ މަގާމުތައް އުފެދިގެންދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގައުމީ ޕާޓީގެ މެންބަރު ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝިދު ވިދާޅުވީ، ސަރުކާރުން ޑޮލަރުގެ އަގަށް ބަދަލު ގެނަސްފައި މި ވަނީ، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ސަރުކާރަށް ބޭނުންވާ އާމްދަނީ ހޯދުމަށް ފަހިކުރަންޖެހޭ ހުރިހާކަމެއް ފަހި ކުރުމަށްފަހުގައި ކަމަށެވެ.

" ރައްޔިތުންގެ މަޖިލިސް ބޭނުންކޮށްގެން އެކި ވައްތަރު ވައްތަރު ޓެކްސް ނެގުމުގެ ނިޒާމްތައް ސަރުކާރުން ވަނީ ގާއިމްކޮށްފައި. އާމްދަނީ ލިބޭނެ ހުރިހާ ގޮތްތަކެއް ފަހި ކުރުމަށްފަހު، މިކަން ކުރީމާ އެންމެ ނިކަމެތި އާއިލާތަކަށް މި ގެއްލުން ލިބޭނީ. މިހާލަތުގައި ގައުމު އޮއްވައި ކުޑަ ކުއްޖަކަށް ފިނޭންސް މިނިސްޓަރުކަން ދީފައި ވަނީ. ކަމަށް ގާބިލް މީހުން ތިއްބައި އެފަދަކަމެއް ކޮށްފައި އެވަނީ އެމްޑީޕީގެ ސީދާ ފިކުރާ ދިމާނުވާތީ،" ރިޔާޒު ވިދާޅުވި އެވެ.

އެމްޑީޕީއަށް އެއްބާރު ލުން ދެއްވުމަށް އެއްބަސް ވެވަޑައިގެންފައިވާ އޭދަފުށީ ދާއިރާގެ އަހުމަދު ސަލީމް މި މައްސަލައަށް ވާހަކަ ދެއްކެވީ އެމްޑީޕީގެ މެންބަރުންނާ ހިލާފަށް ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.
ސަލީމް ވިދާޅުވީ، ކުރިއަށް އޮތީ ރޯދަމަސް ކަމަށްވެފައި، ސަރުކާރުން ޑޮލަރުގެ އަގަށް މި ގެނައި ބަދަލުގެ ސަބަބުން ތަކެތީގެއަގު 40 ޕަސެންޓަށް އުފުލޭނެ ކަމަށެވެ. އަދި ފިނޭންސް މިނިސްޓަރުކަމަށް އައްޔަން ކުރެއްވި، އަހްމަދު އިނާޒަށް ވެސް އޭނާ ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.

"މި މައްސަލައަކީ ޑޮލަރުގެ މައްސަލައަކަށް ވާތީ ސަރުކާރު ހިންގާ ޕާޓީއަށް އެއްބާރުލުން ދޭ މީހެއްކަމަށް ވިޔަސް ވިޔަފާރި ވެރިއެއްގެ ހައިސިއްޔަތުން މި މައްސަލައަށް އެއްޗެއް ބުނަންޖެހޭ. މި މައްސަލަ އަކީ ރައްޔިތުންނަށް ލިބޭނެ ވަރަށްބޮޑު ނުރައްކަލެއް. މުސާރަ ބޮޑު ކުރެވޭކަށް ނެތް. ރަމަޟާން މަސް ކުރިއަށް އޮތްއިރު 40 ޕަސެންޓަށް ތަކެތީގެ އަގު އަރާނެ. މިކަމުގައި ޒިންމާވަނީ ރައީސް ނަމަވެސް ވަޒީރު ނަމަވެސް މިކަމުގެ ޒިންމާ އުފުލަންޖެހޭނެ. ބަޖެޓްގެ ޑެފިސިޓް އިންތިހާއަށްގޮސްގެން މިއުޅެނީ. ފިނޭންސް މިނިސްޓަރަށް އައްޔަން ކުރައްވާފައި އެވަނީ ކނޑކހކޭއެއް އަޅުގަނޑު ނުބުނާނަން. ނަމަވެސް ޑޮލަރަކީ ކޯއްޗެއްކަން އެނގޭ ބޭފުޅަކަށްނޫން ފިނޭންސް މިނިސްޓަރުކަން އެ ދެއްވީ." ސަލީމް ވިދާޅުވި އެވެ.
ނަމަވެސް ޑޮލަރުގެ އަގަށް ސަރުކާރުން ގެންނެވި ބަދަލު އެމްޑީޕީގެ މެންބަރުން ތަކުރާކޮށް ވަނީ ދިފާއު ކުރައްވައިފަ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާމަނިކު ވިދާޅުވީ، އެކަމުގެ ސަބަބުން ރައްޔިތުންނަށް ފައިދާ ކުރާނެކަމުގެ ޔަގީންކަން ލިބިވަޑައިގަންނަވާ ކަމަށެވެ.
" މި ސިޔާސަތުގެ ސަބަބުން ރައްޔިތުންނަށް ފައިދާ ކުރާނެ. ޑޮލަރުގެ އަގު ދަށަށްދާނެ. މިއަދު މިޖެހެނީ ކޮންމެ މީހަކުވެސް ޑޮލަރު ގަންނަން.ހަގީގަތަކީ އެންމެނަށްވެސް އެނގޭ 14 ރުފިޔާއަށްވިޔަސް 15 ރުފިޔާއަށްވިޔަސް 16 ރުފިޔާއަށްވިޔަސް ޑޮލަރެއް ގަންނާކަށް ނުލިބޭ އެއްވެސް ދިމާލަކުން. ހަމަ ޑޮލަރުގެ ފައިދާ ނަގަމުން ގެންދަނީ ޑޮލަރު ގެންގުޅޭ މީހުންނާއި ކުރީގެ ސަރުކާރުން ހިޔާނާތްތެރިވެފައިވާ މީހުން. އަޅުގަނޑު ޔަގީންކަން މިދެނީ ސަރުކާރުން ގެނައި މި ބަދަލާ ގުޅިގެން ތަކެތީގެ އަގަށް ބަދަލު އަންނާނެ ޑޮލަރު ލިބޭނެ." މޫސަ ވިދާޅުވި އެވެ.