17 Dec 2015, 21:24
ފުލުހުންގެ ހިދުމަތަށް އިތުރު ހަ ލޯންޗެއް ގެނެސްފި އެވެ.
ފުލުހުންގެ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރުމަށް ގެނައި ހަ ލޯންޗު އިފްތިތާހު ކުރުމަށް ވަނީ ޝަހީދު އަލީ ބިލްޑިން ކައިރީ ހާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފްގެ އިތުރުން ގިނަ ފުލުހުންތަކެއް ވަނީ ބައިވެރިވެފަ އެވެ.
"ސަން" އަށް މައުލޫމާތު ދެމުން ޕޮލިސް މީޑިއާ އިން ބުނެފައި ވަނީ މިއަދުން ފެށިގެން ބޭނުންކުރަން ފަށާ ހަ ލޯންޗުގެ ތެރެއިން ދެލޯންޗަކީ ހާބާ ޕެޓްރޯލް ކުރުމަށް ބޭނުން ކުރާނެ ދެ ލޯންޗު ކަަމަށެވެ.

އަލަށް ގެނައި ލޯންޗުތަކުގެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފުލުހުންނާއި ފުލުހުންގެ އާއިލާ އާއެކު މާލެ ވަށާ ފުރަތަމަ ދަތުރު ކުރަނީ--- ސަން ފޮޓޯ: އަހުމަދު ޖައިޝަން
"އެ ދެ ލޯންޗަކީ ހާބާ ޕެޓްރޯލް ކުރުމަށް ބޭނުން ކުރާ އެއްޗަކަށް ވުމުން އެއިން މީހުން ގެންގޮސް ގެނެސްދީއެއް ނުހަދާނެ. އެއީ ޕެޓްރޯލް ކުރާ ލޯންޗެއް،" ޕޮލިސް މީޑިއާ އިން ވަނީ ބުނެފައެވެ.
ބާކީ ހިމެނޭ ހަތަރު ލޯންޗުގެ ތެރެއިން ތިން ލޯންޗަކީ 27 މީހުންނަށް ތިބެވޭ ވަރު ލޯންޗެއް ކަމަށް ޕޮލިސް މީޑިއާ އިން ވަނީ ބުނެފައެވެ. އަދި އެންމެ ބޮޑު ލޯންޗަކީ 45 މީހުންނަށް ތިބެވޭ ވަރުގެ ލޯންޗެކެވެ.

އަލަށް ގެނައި ލޯންޗުތަކުގެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މެރިން ޕޮލިސްގެ ހެޑް ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ: އަހުމަދު ޖައިޝަން
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެރިން ޕޮލިސްގެ ހެޑް އާދަމް ނިޔާޒު ވިދާޅުވީ މެރިން ޕޮލިހުންގެ ހިދުމަތްތައް ރަނގަޅު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތެއް ކުރަމުން ގެންދާ ކަމަށެވެ.
"ސަރުކާރުން ދަނީ ފުލުހުންގެ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން. އެގޮތުން މި ޕްރޮޖެކްޓަކީ 15 މިލިއަން ރުފިޔާގެ ބޮޑު ޕްރޮޖެކްޓެއް،" އޭނާ ވިދާޅުވިއެވެ.
ކަނޑުމަތީގެ ރައްކާތެރިކަން އިތުރަށް ރަނގަޅު ކުރުމަށް ކުރިއަށްދާ ޕްރޮޖެކްޓްގެ ދަށުން މިއަދުން ފެށިގެން ލޯންޗުތައް ބޭނުން ކުރާނެއެ.