17 Dec 2015, 16:57
މެލޭޝިއާގައި ތަމްރީންތައް ފުރިހަމަ ކުރަމުންދާ ގައުމީ ފުޓްބޯޅަ ޓީމް ކުޅުނު ތިން ވަނަ މެޗުން ގައުމީ ކެޕްޓަން އަލީ އަޝްފާގު ކުޅެމުން އަންނަ ޕީޑީއާރުއެމް ބަލިކޮށްފި އެވެ.
މިމަހުގެ 23ގައި އިންޑިއާގައި ފަށާ ސާފް ސްޒުކީ ކަޕަށް މެލޭޝިއާގައި ކޭމްޕް ކޮށްގެން ތަމްރީންތައް ފުރިހަމަ ކުރަމުންދާ ގައުމީ ފުޓްބޯޅަ ޓީމު މިއަދު ކުޅުނު އެ މެޗުން މޮޅުވީ 2-3 ގެ ނަތީޖާ އަކުންނެވެ.
މެލޭޝިއާގައި ކުރިން ކުޅުނު ދެ މެޗެކޭ އެއްގޮތަށް މިއަދުގެ މެޗު ވެސް ގައުމީ ޓީމުން ފެށީ ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެންނެވެ. އެ ގޮތުން ގައުމީ ޓީމުގެ ލަނޑުތައް ޖަހައިދީނީ ޒުވާން ތިން ކުޅުންތެރިން ކަމަށްވާ ކްލަބް އީގަލްސްގެ އަންސަރު އިބްރާހިމް އާއި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲގެ އިތުރުން އަހްމަދު އިމާޒް އެވެ.
މިއަދުގެ މެޗްގައި ވެސް ގައުމީ ކޯޗު ރިކީ ހާބްޓް ވަނީ ސްކޮޑްގައި ހިމެނޭ ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތުދީ ކުޅުންތެރިން ލައްވައި އެކި މަގާމުތަކަށް ކުޅެ، ޓެސްޓް ކޮށްފަ އެވެ.
މޭލޭޝިއާގައި އެއާ އޭޝިއާ ދެކޮޅަށް ކުޅެ، ގައުމީ ޓީމު މޮޅުވި މެޗްގެ ކުރިން ޕީއެސްއެމް އަށް ދިން އިންޓަވިއު އެއްގައި ހާބަޓް ބުނީ ތަމްރީންތަކުގައި މި ކުޅޭ މެޗްތަކުގެ ބޭނުމަކީ މޮޅުވުން ނޫން ކަމަށާއި ކޮންމެ ނަތީޖާއެއް ނިކުތް ކަމުގައިވީ ނަމަވެސް ފަރުވާލެއް ނެތް ކަމަށެވެ. އަދި ނަތީޖާ ނެރެން ޖެހޭނީ މިމަހުގެ 24ގައި ސާފް ސުޒުކީ ކަޕްގައި ނޭޕާލާ ދެކޮޅަށް ކުޅޭ މެޗުގައި ކަމަށް ވެސް ކޯޗް ވަނީ ބުނެފަ އެވެ.
އޭނާ ބުނީ ކޭމްޕްކޮށް މެޗްތައް ކުޅުމުގެ އެންމެ ބޮޑު ބޭނުމަކީ ތަމްރީންތަކުގައި ކިޔައިދީފައި ހުރި އެއްޗިހި ބޭނުން ކުރުން ކަމަށާއި ގިނަ ކުޅުންތެރިންތަކެއް ގެނައީ ވެސް އެ ކުޅުންތެރިންނަށް ރަނގަޅު ތަޖްރިބާތަކެއް ހޯދައިދޭން ކަމަށެވެ.