17 Dec 2015, 16:18
ސިޔާސީ ކަންކަމުގައި ބުރަކޮށް އުޅޭ މީހުންގެ އެވްރެޖް އުމުރު އެނޫން މީހުންނަށް ވުރެ ކުރުވާކަން އައު ދިރާސާއަކުން ހާމަވެއްޖެ އެވެ.
ލަންޑަންގައި ނުކުންނަ ނޫހެއްކަމަށްވާ ޑެއިލީ ޓެލެގްރާފް ގައި ޝާއިޢުކޮށްފައިވާ މިދިރާސާ ބުނާ ގޮތުން ސިޔާސީ ކަންކަމުގައި ބުރަކޮށް އުޅޭމީހުންގެ އެވްރެޖް އުމުރު ދަށްވުމުގެ ސަބަބަކީ އެމީހުން ސިޔާސީ ބޮޑެތި މަގާމްތަކުގައި އުޅުއްވާއިރު ކުރިމަތިވާ ފިއްތުންތަކާއި އަދާކުރަން ޖެހޭ މަސައްކަތްތަކުގެ ޕްރެޝަރު އެނޫން މަސައްކަތްތައް ކުރާމީހުންނަށް ވުރެ ބޮޑުވުމުގެ ސަބަބުންނެވެ.
މިދިރާސާ ބުނާގޮތުން ސިޔާސީ ބޮޑެތި އަދި އިސްމަގާމުތަކުގައި އުޅޭ މީހުންނާއި އެކިއެކި އިންތިޚާބުތަކަށް ކުރިމަތިލާން ޖެހޭ މީހުންނަށް ކުރިމަތިވާ ފިއްތުންތަކާއި ޙައްލުކުރަން ޖެހޭ މައްސަލަތަކަކީ ސިކުނޑިއަށާއި ހަށިގަނޑުގެ އެނޫންގުނަވަންތަކަށް ވަރަށް ބާރުބޮޑު މަސައްކަތްތަކެކެވެ. މިދިރާސާ ބުނާގޮތުން ދައުލަތެއް ހިންގުމުގެ ޒިންމާތަކަކީ އާދައިގެ މީހަކަށް އުފުލޭވަރުގެ ޒިންމާތަކެއްނޫނެވެ.
މިގޮތުން ގައުމުތަކުގެ ލީޑަރުންނާއި ގައުމުތަކުގެ މިނިވަންކަމަށް މަސައްކަތްކުރާ ގައުމީ ބަތަލުންފަދަ މީހުންނަކީ ލީޑަރޝިޕް ކޮލިޓީއާއި އެކަމުގެ ހިއްވަރު ގުދްރަތީގޮތުން ލިބިފައިވާ ބައެއް ކަމަށް އެފަދަކަންކަން ގުދްރަތީގޮތުންނާއި ތަޖްރިބާގެ ގޮތުން ލިބިފައިނުވާ މީހަކަށް މިފަދަ ބޮޑެތި ބުރަތައް އުފުލުމަކީ ކުރެވޭނެ ކަމެއްނޫން ކަމަށް މިދިރާސާ ބުނެ އެވެ. އަދި މިފަދަ ބޮޑެތި ސިޔާސީ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އުފުލާމީހުންނަކީ ލީޑަރޝިޕް ކޮލިޓީގެ މީހުންކަމަށް ވިޔަސް ސިޔާސީ ޒިންމާތަކުގެ ސަބަބުން އެމީހުންގެ ހަށިގަނޑުގެ ގުނަވަންތަކަށް ބޮޑެތި ބުރަތަކަކާއި އުދާސްތަކެއް ކުރިމަތިވެ ބޮޑެތި ބަލިތަކާ ކުރިމަތިލާންޖެހި އަދި އެކަމުގެ ސަބަބުން އެމީހުންގެ އެވްރެޖް އުމުރުވެސް ނިސްބަތުން އެނޫންމީހުންނަށްވުރެ ކުރުކަން ހާމަވެފައިވެ އެވެ.
އެހެންކަމުން މިފަދަ މީހުންގެ އެވްރެޖް އުމުރު އެނޫންމީހުންނަށްވުރެ ތިން އަހަރު ކުރުކަން މިހާތަނަށް ހޯދިހޯދުންތަކުން އެނގިފައިވާކަމަށް މިދިރާސާ ބުނެއެވެ. ނަމަވެސް މީގެމާނައަކީ ވެރިކަންކުރާ ކޮންމެ މީހެއްގެ އުމުރު ކުރުވުން ނޫން ކަމަށާއި މިއީ ނިސްބީ ކަމެއްކަމަށް މިދިރާސާ ބުނެ އެވެ. އަނެއްކޮޅުން ގައުމުތަކުގެ ޒައީމުންނާއި ރައީސުންނާއި ބޮޑުވަޒީރުންފަދަ ސިޔާސީ ބޮޑެތި ޒިންމާތައް އުފުލާ ފަރާތްތަކަށް ޕްރެޝަރު ބޮޑުވިނަމަވެސް އެހެންމީހުންނަށް ނުލިބޭ ބޮޑެތި އިނާޔަތްތަކާއި ޚާއްސަ އިމްތިޔާޒުތައް އެމީހުންނަށް ލިބޭކަމާއި މިކަމުގެ ސަބަބުން އެފަދަ ފަރާތްތަކުގެ ޓެންޝަން ކުޑަވާކަމަށް މިދިރާސާ ބުނެއެވެ. (ޑެއިލީ ޓެލެގްރާފް)