17 Dec 2015, 16:10
ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް އަނެއްކާ ވެސް އައްސޭރި ޖަލަށް ބަދަލުކޮށްފި އެވެ.
ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ދެ ބޭފުޅުން މާފުށީ ޖަލަށް ބަދަލު ކުރީ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
އެ ބަދަލަކީ އާންމު އުސޫލުގެ ތެރެއިން ގެނެވެނު ބަދަލެއް ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.
ރާއްޖެ އަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ދައުވާ ސާބިތުވެ، ކާނަލް ނާޒިމް ތަންފީޒު ކުރައްވަމުން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އޭނާ ވަނީ އެ މައްސަލަ އިސްތިއުނާފުކޮށްފަ އެވެ.
ތޮލްހަތު 10 އަހަރަށް ޖަލަށްލާފައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި ދައުލަތުން ކުޅަ ޓެރަރިޒަމްގެ ދައުވާ ސާބިތުވުމުންނެވެ.
މިވަގުތު ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ ފައިސާއިން މަކަރާއި ހީލަތް ހެދުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވުމާ ގުޅިގެން 25 އަހަރަށް ޖަލަށްލާފައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގަ އެވެ.