17 Dec 2015, 15:32
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާއަށް ވަކީލަކާއެކު ޖަވާބުދާރީވުމަށް 30 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފި އެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގި ޝަރީއަތުގައި ދޫނިދޫގައި ބަންދުކޮށްފައިވާ އަދީބަށް ދައުވާއަށް ޖަވާބުދާރީވުމަށް 30 ދުވަހުގެ މުއްދަތެއް ދިނީ އޭނާގެ އެދުމުގެ މަތިންނެވެ.
"30 ދުވަހުގެ މުއްދަތެއް އަޅުގަނޑު ބޭނުން ވަކީލަކު ހަމަޖައްސަން. މިހާރު ވަކީލުންނެއް ނުލިބޭ ވަރަށް މަދުން ނޫނީ. އެތައް ވަކީލުންނެއް ސަސްޕެންޑުކޮށްފައިވާތީ،" އަދީބު ވިދާޅުވިއެވެ.
އަދީބުގެ ވަކީލުން ސަސްޕެންޑްކޮށްފައިވުމުން، ވަކީލުން ހޯދުމަކީ ދަތިކަމެއް ކަމަށާއި ވަކީލަކު ހޯދުމަށް 30 ދުވަސް ބޭނުންވާ ކަމަށް ވިދާޅުވުމުން، އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދު ގާޒީ) ވަނީ އޭނާ އެދިވަޑައިގެންނެވި މުއްދަތު ދީފަ އެވެ.
އަދީބުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލީ ޓޫރިޒަމް މިނިސްޓްރީ ހިންގުމާ ހަވާލުވެހުރެ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ސެޕްޓެމްބަރު 30، 2015، ގައި އެބޮނީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް، 50 އަހަރަށް މާލެ އަތޮޅުގެ ފަޅެއް ކުއްޔަށް ދޫ ކުރި މައްސަލާގަ އެވެ.
އަދީބުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.