މިދިޔަ ނޮވެމްބަރު މަސް ނިމުނުއިރު ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1.0 މިލިއަން ފަތުރުވެރިންނާއި އަޅާބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެކެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެމަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ އޭގެ ކުރީއަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު 0.5 ޕަސެންޓުގެ ކުރިއެރުމަކާ އެކު ޖުމްލަ 90،218 ފަތުރުވެރިންނަށް އަރާފައެވެ.

މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންނަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އޭޝިއާ ޕެސިފިކްގެ ސަރަހައްދުގެ ގައުމުތަކުންނެވެ. އެގޮތުން އެމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 49.9 އަކީ މިސަރަހައްދުގެ ފަތުރުވެރިންނެވެ. އަދި މިސަރަހައްދުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ އޭގެ ކުރީ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 1.9 އިތުރުވެފައެވެ.

ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޔޫރަޕް ސަރަހައްދުންނެވެ. އެއީ ރާއްޖެއަށް މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ 42.3 ޕަސެންޓެވެ.މިސަރަހައްދުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އޭގެ ކުރީއަހަރާއި އަޅާބަލާއިރު 1.1 ވަނީ ދަށަށް ގޮސްފަ އެވެ.

ތިންވަނަޔަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ސަރަހައްދަކީ މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ 3.4 ހިއްސާއާ އެކު އެމެރިކާ އެވެ. އަދި މިސަރަހައްދުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ އޭގެ ކުރީއަހަރާ އަޅާބަލާއިރު 12.5 އިތުރުވެފަ އެވެ.

ވަކިވަކިން މާކެޓް ތަކަށް ބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޗައިނާ އިންނެވެ. މިމުއްދަތުގައި ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 30.8 ހިއްސާ އަކީ ޗައިނާ ފަތުރުވެރިންނެވެ. 8.9 ގެ ހިއްސާއަކާއިއެކު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޖަރުމަނުވިލާތުންނެވެ. އިނގިރޭސިވިލާތް އޮތް އޮތީ 7.5 ޕަސެންޓުގެ ގެ ހިއްސާއަކާ އެކު ތިން ވަނައިގައެވެ. ދެން އެންމެ ގިނަ އިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ، 4.9ގެ ހިއްސާއަކާ އެކު އިޓަލީ ވިލާތް އަދި 4.0 ޕަސެންޓުގެ ގެ ހިއްސާއަކާ އެކު އިންޑިއާ އިންނެވެ.

އިޓަލީވިލާތާއި އިނގިރޭސިވިލާތާއި ޖަރުމަނުވިލާތާއި ޖަޕާންގެ އިތުރުން އިންޑިއާއިން ނޮވެމްބަރު މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ބޮޑުތަން އިތުރުވެފައި ވީނަމަވެސް ޗައިނާ އާއި ރަޝިޔާ އަދި ފަރަންސޭސިވިލާތުން އައި ފަތުރުވެރިންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޗައިނާގެ މާކެޓް ދަށަށް ގޮސްފައި ވަނީ އެގައުމުން ރާއްޖެ އަންނަ ބައެއް ޑައިރެކްޓް ޗާޓަރު ފްލައިޓްތައް ނޮވެމްބަރު މަހު މެދުކަނޑާލުމުގެ ސަބަބުން ކަމަށެވެ.

އޭގެ އިތުރުން ފަރަންސޭސިވިލާތުން ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފައި ވަނީ އެ ގައުމުގައި ހިނގައި ދިޔަ ޓެރަރިސްޓު ހަމަލާއާ ގުޅިގެން ކަމަށް ބެލެވޭ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ރަޝިޔާގެ އިގްތިސާދު ހީނަރުވެފައި ވުމުގެ ސަބަބުން އެގައުމުގެ ފަތުރުވެރިން ދުރު މަންޒިލްތަކަށް ދަތުރުކުރުން މަދުވެފައި ވާކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.