ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ކުރާ ދައުވާތަކަށް ޝަރީއަތް ހިންގަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ދައުލަތުން އެދިއްޖެ އެވެ.

ދައުލަތުން އެގޮތަށް އެދުނީ ކްރިމިނަލް ކޯޓުގައި އަދީބާއި ޒިޔަތާ ދެކޮޅަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގަ އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އެގޮތަށް އެދުމުން އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ އެ ދެ ބޭފުޅުން ކޯޓަށް ހާޒިރުކޮށްގެން ޝަރީއަތް ކުރިއަށްގެންދިޔުމުގެ ކަންތައް ކޯޓުން ކުރިއަށް ގެންދާނެ ކަމަށެވެ.

އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައިވާއިރު، މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ދައުލަތުން އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާގެ ޝަރީއަތެވެ.

ޒިޔަތުގެ މައްޗަށް މިހާތަނަށް އުފުލާފައި ވަނީ އެންމެ ދައުވާ އެކެވެ. އެއީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއެވެ. އޭނާ މިއަދު ވަނީ އެ ދައުވާ އަށް އިންކާރު ކުރައްވައިފައެވެ.