17 Dec 2015, 15:37
ބ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އޭދަފުށީ ޔޫ ސްޕޯޓްސް އިން ބޭއްވި ފުޓްބޯލް ޗެލެންޖްގެ ޗެމްޕިއަންކަން ފެހެންދޫ ހޯދައި މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް އެ ޓީމްގެ މުހައްމަދު ރަޝީދު(ހޮކޭ) ހޮވިއްޖެ އެވެ.
ފެހެންދޫ މުބަރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އިއްޔެ އޭދަފުށީ ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުރިއަށް ދިޔަ ފައިނަލް މެޗުގައި، ޕެނަލްޓީ ޖަހައިގެން އެންމެ ފަހުގެ ޗެމްޕިއަން ގޮއިދޫ ބަލިކޮށްގެނެވެ.
މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ފެހެންދޫ ޓީމުންނެވެ. އެ ގޯލް މެޗުގެ 31 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިބްރާހިމް ޝާހީނެވެ.
ފެހެންދޫ ކުރީގައި އޮވެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ގޮއިދޫ އިން ވަނީ ދެވަނަ ހާފުގައި ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ގޮއިދޫއަށް ނަތީޖާ އެއްވަރުކޮށްދިން ގޯލް މެޗުގެ 71 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އާދަމް ނިޒާމް އެވެ.

ބ. އަތޮޅު ރަށް ތަކަށް އަމާޒް ކޮށްގެން ބޭއްވި ފުޓްބޯލް ޗެލެންޖްގެ ޗެމްޕިއަންކަން މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ހޮކޭއަށް ޓްރޮފީ ހަވާލުކުރަނީ --- ފޮޓޯ: އޭދަފުށީ ޓައިމްސް
މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 1-1ގެ ނަތީޖާ އަކުން ދެ ޓީމް އެއް ވަރު ވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ފެހެންދޫ އިން ވަނީ އެ ޓީމުގެ ހުރިހާ ޕެނަލްޓީއެއް ކާމިޔާނުކޮށްފަ އެވެ. ނަމަވެސް ގޮއިދޫ ޓީމުގެ ހުސައިން ޝިފާހު ޖެހި ޕެނަލްޓީ ދިޔައީ ގޯލު އަރިމަތި ދަނޑި ކައިރިން ބޭރަށެވެ. އެހެން ކަމުން މުބާރާތުގެ ތަށި ފެހެންދޫ ޓީމުން އުފުލާލީ 6-5 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ފެހެންދޫ ޓީމަށް ކުޅޭ ގައުމީ ޓީމްގެ ކުރީގެ ޑިފެންޑަރު އަދި ނުއުރޭޑިއަންޓްގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހޮކޭ އެވެ. ޖުމްލަ ހަ ގޯލު ކާމިޔާބުކޮށް މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދީ ގޮއިދޫ ޓީމުގެ އާދަމް ނިޒާމް އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ގޮއިދޫ ޓީމުގެ ޢަބްދުﷲ ފަޔާޒް ހޮވުނު އިރު 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ފެހެންދޫ ޓީމުގެ އިބްރާހީމް ރީހާން އެވެ.
މިއީ މި މުބާރާތް އެ އަތޮޅުގައި ބޭއްވި ހަތަރު ވަނަ ފަހަރަށްވާ އިރު ޖުމްލަ އަށް ރަށަކުން ވަނީ ވާދަކޮށްފަ އެވެ.