11 Apr 2011, 12:36
މީހާ މަރުވުމުން ވަޅުލުމަށްފަހު ހަށިހަނޑު ނެގުމަކީ ހުއްދަ ކަމެއް ނޫން ނަމަވެސް މަރާބެހޭ ގޮތުން ތަހުގީގެއް ކުރުމަށް ވާރުތަވެރިން ބޭނުންވާ ގޮތެއްގެ މަތިން ގަބުރު ކޮނެގެން ނެގިދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެ އެވެ.
ފުލުހުން މަރާލިކަމަށް ތުހުމަތުކުރެވޭ ސ. ހިތަދޫ ނާޒުކީގޭ، ހުސެއިން ސަލާހުގެ ހަށިގަނޑު އޭނާގެ އާއިލާގެ ނުރުހުމުގައި އާ ސަހަރާގައި ވަޅުލިތާ ގާތްގަނޑަކަށް ހަތަރު އަހަރު ފަހުން، ވަޅުލައިފައި އޮތީ ސޮލާހުގެ ހަށިގަނޑުތޯ ޔަގީންކުރަން އާއިލާ ބޭނުންވާތީ، އޭނަގެ ގަބުރު ކޮނެގެން ނަގަން ހިއުމަން ރައިޓްސް ކޮމިޝަނުގައި ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަމްޒާ ވަނީ އެދިވަޑައިގެންފަ އެވެ.
ސޮލާހުގެ މަރުގެ ގަބުރު އަލުން ކޮނުމުގެ މައްސަލައެއް ފެންމަތިވެފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން މިނިސްޓަރު މަޖީދު ވިދާޅުވީ ފެން ބޮޑުވުމާއި ތެޔޮލީކުވުންފަދަ ހާލަތްތަކެއްގެ ތެރެއިން ކަށިތައް ހާމަވާނަމަ ކޮނެގެން ގަބުރު ނެގިދާނެ ކަމަށެވެ. އަދި ވިދާޅުވީ އެނޫން ގޮތަކަށް ގަބުރު ކޮނެ ކަށިތައް ނެގޭނީ އެ މީހެއްގެ މަރާ ބެހޭ ގޮތުން ތަހުގީގެއް ކުރަން ބޭނުންވެގެން އެ ބޭނުންވާ މިންވަރެއްގެ މައްޗަށް ކަމަށެވެ.
"އެގޮތަށް ނެގޭނޭ މަރުވެފައިވާ މިހާގެ ވާރިސުންގެ ބޭނުންވާނަމަ، އެމީހުން ބޭނުންވާ ގޮތެއްގެ މަތިން،" ޑރ. މަޖީދު ވިދާޅުވި އެވެ.
ސޮލާހުގެ ގަބުރު ކޮނުމާ ބެހޭ ގޮތުން އެއްވެސް މުއައްސަސާއަކު ލަފަޔަކަށް އެދިފައިވޭތޯ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ ސޮލާހުގެ ހަށިގަނޑު ނެގުމާ ބެހޭ ގޮތުން އެއްވެސް ފަރާތަކުން ލަފަަޔަކަށް އެދިފައި ނުވާ ކަމަށާއި އެކަމުގެ މައުލޫމާތު ސާފުކުރަމުންދަނީ ހަބަރު ފަތުރާ ވަސީލަތްތަކުން އެކަނި ކަމަށެވެ.
"މީޑީއާގެ ފަރާތްތަކުން އަޅުގަނޑަށް ގުޅަމުން އެބަދޭ، އަޅުގަނޑު މިދެނީ މައުލޫމާތު ދެމުން،" ޑރ. މަޖީދު ވިދާޅުވި އެވެ.
މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި 2007 ގައި ފެނުނު ސޮލާހުގެ ހަށިގަނޑު ކޮނެގެން ނެގުމަށް ހިއުމަން ރައިޓްސް ކޮމިޝަނުގައި އެދިފައިވަނީ އާ ސަހަރާގައި އެއަހަރުގެ އޭޕްރިލް 28 ވަނަ ދުވަހު ވަޅުލައިފައިވަނީ ސޮލާހުގެ ހަށިގަނޑުތޯ ޔަގީންކުރުމަށް އޭނާގެ އާއިލާއިން ބޭނުންވާތީ ކަމަށް މެންބަރު ހަމްޒާ ވަނީ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ވަޅުލާފައި ވަނީ ސަލާތޯ އާއިލާއިން ޔަގީންކުރަން ބޭނުންވާ ކަމަށާއި ހިއުމަން ރައިޓްސް ކޮމިޝަނުގައި އެދިފައިވާނީ އެކަން ކޮށްދިނުމަށް ކަމަށެވެ.
"އެކަން ކުރެވޭނެތޯ ނޫންތޯ ބަލައި އެއް މަސް ތެރޭ ޖަވާބެއް ދޭނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނި،" ހަމްޒާ ވިދާޅުވި އެވެ.
މަސްތުވާ ތަކެތީގެ މައްސަލައެއްގައި ތުހުމަތުކުރެވިގެން އައްޑު އަތޮޅު ހިތަދޫން ސޮލާހު ހައްޔަރުކޮށްފައިވަނީ އޭޕްރިލް 9، 2007 ގައި އެވެ. އޭނާ މާލެ ގެނެސް ތަހުގީގުގެ މަރުހަލާ ނިންމުމަށް ފަހު ފުލުހުންގެ ހައްޔަރުން ދޫކޮށްލި ކަމަށް ފުލުހުން ބުނަނީ އެ މަހުގެ 13 ވަނަ ދުވަހުގެ ރެޔެވެ.
ސޮލާހުގެ މަރާ ގުޅިގެން އޭނާގެ އާއިލާއިން މަރުގެ ސަބަބު ހޯދުމަށް މިނިވަން ޕޯސްޓްމޯޓަމެއް ހެދުމަށް އެދިއެދި ތިއްބައި، އެފުރުސަތު ނުދީ، ކުރީގެ ސަރުކާރުން އޭނާގެ ގަބުރު ލަންކާއަށް ފޮނުވާ ޕޯސްޓްމޯޓަމް ހެދުމަށްފަހު، މާލެ ގެނެސް ވަޅުލީ ނޫސްވެރިންނާއި އަދި އެހެން މީހުންނަށް ވެސް ނުވަދެވޭ ގޮތަށެވެ.
ސޮލާހުގެ އާއިލާއިން ކުރިން ނެރުނު ބަޔާނުގައި ބުނަނީ، ސޮލާހު މަރުވި ސަބަބު ދެނެގަތުމަށްޓަކައި ދެ ވަނަ ފަރާތެއްގެ ހިޔާލު ހޯދުމަށް ދިވެހި ސަރުކާރުން ހުއްދަ ނުދިނުމުން އާއިލާ އިން އެދިފައި ވާނީ ސޮލާހުގެ ހަށިގަނޑު ސްރީލަންކާގައި ވަޅުލުމަށް އާއިލާއާ ހަވާލުކޮށް ދިނުމަށް ކަމަށެވެ. ނަމަވެސް، އާއިލާއާ ހަވާލުނުކޮށް، ސޮލާހުގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ "އާއިލާ އަށް ވަގަށް" ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.