17 Dec 2015, 15:05
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ނަމުގައި މީހަކަށް ގުޅުމަށް ފަހު އެއްލައްކައަށް ވުރެ ގިނަ ރުފިޔާ އަންހެނެއްގެ އެކައުންޓުން "ފޭރިގަނެފި" އެވެ.
ނަން ހާމަކުރަން ބޭނުން ނުވާ އެ އަންހެން މީހާ މިއަދު "ސަން" އަށް ބުނީ އެކަން ހިނގީ ރޭ އިރާކޮޅުގެ ވަގުތެއްގައި ކަމަށެވެ. އަދި ދިރާގު ނަންބަރަކުން ބީއެމްއެލްގެ ނަމުގައި މިހާރު ފޭކް ފޯނު ކޯލުތަކެއް ކުރަމުންދާ ކަމަށާއި އެކަމަށް ސަމާލުވުމަށް އެ ފޯނު ކޯލުން ވާހަކަ ދެއްކި މީހާ ބުނި ކަމަށް އަންހެން މީހާ ބުންޏެވެ. އަދި އެ އަންހެން މީހާގެ މައުލޫމާތުތައް އެފަރާތާ ހިއްސާ ކުރުމަށް ބުނި ކަމަށް އޭނާ ބުންޏެވެ.
"ރޭ ގާތްގަނޑަކަށް 8:23ގައި އަޅުގަނޑަށް އަންނަނީ އެ ފޯނު ކޯލެއް. ދެން ބުނަނީ މިއީ ބީއެމްއެލްގެ ފަރާތުންނޭ. އެއްވެސް މެސެޖެއް އައިއްސިހޭ. އަޅުގަނޑު ބުނިން ނާދެއޭ. ދެން އެ ކޮޅުން (ފޯނުން ވާހަކަދެއްކި މީހާ) ބުނީ މިހެން ބޭންކު ނަން މަތީގައި ފޭކް ފޯނު ކޯލުތަކެއް ކުރަމުން އެބަދޭ. ދެން އަޅުގަނޑުގެ މައުލޫމާތު ހިއްސާ ކުރުމަށް ބުނި،" އަންހެން މީހާ ބުންޏެވެ.
އަންހެން މީހާ ބުނީ އޭނާ އޮންލައިންކޮށް ވިޔަފާރި ކުރޭތޯ ފޯނު ކޯލުން ވާހަކަ ދެއްކި މީހާ ސުވާލު ކުރި ކަމަށެވެ. އަދި ބުނީ އަންހެން މީހާގެ ކޭޝް ކާޑުގެ ނަންބަރުތައް ކިޔައި ދިނުމަށް ފޯނު ކޯލުން ވާހަކަ ދެއްކި މީހާ ބުނި ކަމަށެވެ.
"އަޅުގަނޑު ކައިރި ބުނީ ތިޔަ ބޭފުޅާގެ އަތުގައި އެމެރިކަން އެކްސްޕްރެސް ކާޑަކާއި ވިސާ ކާޑެއް އޮވޭ ނޫންހޭ. ދެން އެއީ ތެދެއް. އަޅުގަނޑު އަތުގައި ދެ ކާޑެއް އޮންނާނެ. ދެން ބުނީ ކާޑު ނަންބަރު ކިޔާށޭ. އޭގެ ކުރިން އެކޮޅުން އަޅުގަނޑު އަތުގައި އޮތް ދެ ކާޑުގެ ވެސް ތިން ނަންބަރެއް ކީ. ކިޔާފައި ބުނީ ބާކީ ހުރި ނަންބަރުތައް ކިޔައި ދޭށޭ. ކިޔައި ދިނީމާ ބުނީ އޮންލައިންކޮށް ވިޔަފާރި ކުރާ ނަމަ ކާޑުގެ އެންމެ ފަހު ނަންބަރުގެ ބަދަލުގައި މިބުނާ ނަންބަރެއް ޖަހާށޯ. އޮންލައިންކޮށް ކުރާ ކަމަށްވާ ނަމަ. ދެން އަޅުގަނޑަކީ ދުވަހަކު ވެސް އޮންލައިން ވިޔަފާރި ކުރާ މީހެއް ނޫން. ދެން އެހެން ކިޔާފައި ބުނީ އަޅުގަނޑުގެ ކާޑު އެކްސްޕަޔާ ވޭ ނޫންހޯ މިވެނި ދުވަހަކު. ދެން އަޅުގަނޑު ބުނިން އާއިއެކޭ. ދެން އެކޮޅުން ބުނީ ކާޑު އެކްސްޕަޔާ ވަންދެން އޮންލައިންކޮށް ވިޔަފާރި ކުރާ ނަމަ ތިމަންނަމެން އެ ދިން އަކުރު ޖަހާށޭ އެންމެ ފަހު އަކުރެއް ނޫނީ ނަންބަރެއްގެ ގޮތުގައި،" އަންހެން މީހާ ބުންޏެވެ.
އޭނާ ބުނީ އެ ފޯނު ކޯލު ނިމުމުން އެވަގުތު ގޭގައި ހުރި އޭނާގެ ކޮއްކޮ އެއްގެ ގާތު ބޭންކުން ގުޅާފައި އެ މައުލޫމާތުތައް ދިނުމަށް އެދުނު ކަމަށް ބުނި ކަމަށެވެ. އަދި އެހެން ބުނުމުން ބޭންކަކުން އެފަދަ މައުލޫމާތު ހޯދަން ނުގުޅާނެ ކަމަށް އޭނާގެ ކޮއްކޮ އޭނާގެ ގާތުގައި ބުނި ކަމަށް ވެސް އަންހެން މީހާ ބުންޏެވެ.
"ދެން އަޅުގަނޑު ވަގުތުން ބޭންކަށް ގުޅީ. ގާތްގަނޑަކަށް އެ ކޯލު އައިތާ ފަސް ވަރަކަށް މިނެޓު ވާނީ. ބޭންކަށް ގުޅީމާ ބުނީ 104،000 ރުފިޔާ އެކައުންޓުން ދެންމެ ޓްރާންސްފާކޮށްފައި ހުރި ވާހަކަ. ދެން ވަގުތުން ހަމަ ފުލުހުންނަށް ވެސް ހުށަހެޅިން. ދެން ވަރަށް ދެރަ. އަޅުގަނޑުގެ ވެސް މައްސަލަ ދެއްތޯ. އެކަމަކު އެހެން ދެން ނޭނގުނީ،" އޭނާ ބުންޏެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު "ސަން" އަށް ވިދާޅުވީ މީހެއްގެ އަތުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ފޭރިގަތް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އަދި ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ބީއެމްއެލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެކި މުވައްސަސާތަކާއި ކުންފުނިތަކުގެ އިތުރުން ބޭންކުގެ ނަމުގައި ކަސްޓަމަރުންނަށް ގުޅަމުންދާކަމުގެ ރިޕޯޓް އެ ބޭންކަށް ލިބެމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ބޭންކަށް ލިބޭ އެފަދަ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރައްވަމުން އަންނަ ކަމަށާއި ބީއެމްއެލް އިން އީމެއިލް، އެސްއެމްއެސް ނުވަތަ ފޯން ކޯލް މެދުވެރިކޮށް އެފަދަ މައުލޫމާތު އޮޅުން ފިލުވުމަށް އެ ބޭންކުގެ އެއްވެސް ކަސްޓަމަރަކަށް ނުގުޅާނެ ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ އެކިއެކި ގޮތްގޮތުން ކަސްޓަމަރުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރަމުން. މިގޮތުން ރާއްޖޭގައި ބޭނުންކުރާ ހުރިހާ މޮބައިލް ނަންބަރަކަށް އަޅުގަނޑުމެންވާނީ މި މެސެޖް ފޮނުވާފައި. އަދި ހަމައެހެންމެ މީޑިއާގެ އެކި ޗެނަލްތައް މެދުވެރިކޮށް އަޅުގަނޑުމެން މިދަނީ ކަސްޓަމަރުން މިކަމަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރަމުން. ކަސްޓަމަރުން މިފަދަ ފޯންކޯލްތަކަށް އިތުރަށް ސަމާލުވެ، އެފަދަ ފޯންކޯލްތައް މެދުވެރިކޮށް އެދޭ އެއްވެސް މިފަދަ މަޢުލޫމާތެއް ހިއްސާނުކުރުމަށް އަޅުގަނޑުމެން ތަކުރާރުކޮށް އިލްތިމާސްކުރަން." އޮފިޝަލު ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނީ އޮޅުލައިގެން ހިންގާ އެފަދަ ޖަރީމާތަކުގެ މައްސަލަތައް ފުލުހުން މެދުވެރިކޮށް، ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެފަދަ މައްސަލަތަކުގައި ފައިސާ ޓްރާންސްފާކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ހޯދޭނެ ކަމަށެވެ.