ޅ. ހިންނަވަރުން: ފާތިމަތު ސައީދު

ޅ.ހިންނަވަރުގައި ސާފު ބޯފެން ގާއިމް ކުރުމަށް ޔޫއެސްއެއިޑްގެ އެހީގައި ގާއިމް ކުރާ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާ ދެއްވީ މިއަދު ހިންނަވަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެންވަރަމެންޓް މިނިސްޓަރު ތާރިގް އިބްރާހިމް އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ކުރިއަށްދާއިރު ރަށުގެ ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށާއި އެހެންކަމުން މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހުރިހާ ފަރާތްތަކުންވެސް ފުރިހަމަ އެއްބާރުލުން ދިނުމަށް އެދޭ ކަމަށް ތާރިގް ވިދާޅުވި އެވެ.

ޅ ހިންނަވަރުގައި ފެނުގެ ނިޒާމް ފެނުގެ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ތެރެއިން -- ސަންފޮޓޯ -- ފާތިމަތު ސައީދު

ޖުމްލަ 3.76 މިލިއަން ރުފިޔާ ހަރަދުވާ އެ ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ހިޓާ ކުންފުންޏާ އެވެ. އަދި އެއްބަސްވުމުގައިވާގޮތުން ދެމަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހެ އެވެ.

މިއަދު ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހިންނަވަރު ކައުންސިލުގެ ރައީސް އާދަމް ޔޫސުފް ވިދާޅުވީ ފެނުގެ ނިޒާމް ގާއިމް ކުރުމަކީ ވަރަށް ކުރިން ފެށިގެންވެސް ރަށުގެ ރައްޔިތުން ދެކެމުން އައި ހުވަފެނެއް ކަމަށާއި މިއަދު އެކަން ކާމިޔާބީއާ ދިމާލަށް ދަތުރުކުރަމުން ދާކަމަށެވެ.

ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު ރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ކައުންސިލުގެ ރައީސް ވަނީ ދެއްވާފަ އެެވެ.