ގައުމީ ފުޓްބޯޅަ ޓީމާ އެކު ގަލޮޅު ދަނޑުގައި އެފްއޭއެމް އިން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިއްމައިފި އެވެ.

އިންޑިއާގެ ޓުރިވެންޑްރަމްގައި އޮންނަ ސާފް ސުޒުކީ ކަޕަށް މެލޭޝިއާގައި މިހާރު ކޭމްޕް ކޮށްފައިވާ ގައުމީ ޓީމް މިމަހުގެ 20 ވަނަދުވަހު ޓްރޭނިން ނިއްމާލުމަށް ފުހަ މާލެ އައުމަށް ހަމަޖެހިފައިވާ އިރު ޖެހިގެން އަންނަ ދުވަހުގެ ހަވީރު 16:00 ޖަހާއިރު އެފްއޭއެމް އިން ވަނީ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިއްމާފަ އެވެ.

އެފްއޭއެމްގެ މީޑިއާ ކޯޑިނޭޓަރު ސިމާޒް އަލީ މިއަދު 'ސަން' އަށް ވިދާޅުވީ އެ ހަވީރަކީ ގައުމީ ޓީމް ސާފް ސުޒްކީ ކަޕަށް ފުރުމުގެ ކުރިން ރާއްޖޭގައި ގައުމީ ޓީމާ އެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ދެވޭ ފުރުސަތެއް ކަމަށާއި ވީހާ ވެސް ގިނަ ކުޑަ ކުދިން އެ ހަރަކާތުގައި ބައިވެރިވުމަކީ އެފްއޭއެމްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އެ ހަރަކާތް ހަވީރު ހަ އެއް ޖެހުމާ ހަމައަށް ކުރިއަށް ދާއިރު ކުޑަކުދިންނަށް ގައުމީ ޓީމްގެ ކުޅުންތެރިންނާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ހުޅުވިފައިވާނެ ކަމަށް ވެސް ސިމާޒް ވިދާޅުވި އެވެ.

މިހާރު މެލޭޝިއާގައި އިތުރު ތަމްރީން ހަދަމުންދާ ގައުމީ ޓީމް އެ ކޮޅުގައި ވަނީ ދެ މެޗް ކުޅެފަ އެވެ. އޭގެ ތެރެއިން ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދެވަނަ މެޗްގައި އެއާ އޭޝިއާއާ ކުޅެ ދަނގަޑޭއާއި ނާއިޒްގެ ލަނޑުތަކުން ވަނީ މޮޅުވެފަ އެވެ.

ތިންވަނަ މެޗްގައި މިއަދު ރާއްޖޭގަޑިން 13:30ގައި ގައުމީ ކެޕްޓަން އަލީ އަޝްފާގް ކުޅެމުން އަންނަ ޕީޑީއާރުއެމްއާ ދެކޮޅަށް ނިކުންނާނެ އެވެ. ޓްރޭނިންގްގެ ފަހު މެޗްގައި އަންނަ ހޮނިހިރު ދުވަހު ނެގްރީ ސެމްބިލިންއާ ދެކޮޅަށް ކުޅުމަށް ފަހު 20 ވަނަ ދުވަހު ގައުމީ ޓީމް އެނބުރި ރާއްޖެ އައިސް 22 ވަނަ ދުވަހު ޓްރެވެންޑްރަމް އަށް ދާން ފުރާނެ އެވެ.

މި މަހގެ 23 އިން އަންނަ ޖެނުއަރީ ތިނެއްގެ ނިޔަލަށް ކުރިއަށްދާ އެމުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ 24 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށެވެ.