ބާވެ ހަސްފަސްވެފައި ހުންނަ ވެހިކަލްތައް މަގުތަކުގައި ބޭނުން ކުރާތީ، އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތެއް ކަނޑައެޅުމުގެ މަސައްކަތް އެކޮނަމިކް މިނިސްޓްރީ އިން ފައްޓައިފި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ވެހިކަލްތަކަށް ކަނޑައަޅާނެ އެންމެ ދިގު މުއްދަތެއް ހޯދުމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ކޮމިޓީއަކުން މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

އެ މަސައްކަތް ފައްޓާފައިވީ ނަމަވެސް އެކަމުގައި އާންމުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އެކަމަށް ތައްޔާރު ކުރާ އުސޫލު ވަރަށް އަވަހަށް ކަނޑައަޅުއްވާނެ ކަމަށާއި އަންނަ ހަފްތާތެރޭގައި އާންމުންގެ ހިޔާލު ހޯދާލުމަށް ހުޅުވައިލައްވާނެ ކަމަށް ޓްރާންސް ޕޯޓް އޮތޯރިޓީން ވަނީ ބުންޏެވެ.