17 Dec 2015, 12:54
ތ. ގުރައިދޫގައި ހިއްކަމުންދާ ސަރަހައްދުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް، 42 މިލިއަން ރުފިޔާ އަށް މޯލްޑިވްސް ޓްރާންސްފޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޖުމްލަ 42 މިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓަކީ ރަނގަޅު ފެންވަރުގައި ކުރިއަށް ގެންދާނެ ޕްރޮޖެކްޓެއް ކަމަށެވެ.
"ރަށުގައި ޖަހާ ރިވެޓްމެންޓަކީ ވަރަށް ރަނގަޅު ފެންވަރެއްގައި ޖަހާ ރިވެޓްމެންޓެއް. އެއާ އެކު ރަށުގެ ތަރައްގީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމުގައި ފަސޭހަތަކެއް ވެގެންދާނެ. އަދި ރަށަށް ބޮޑެތި ތަރައްގީތައް ލިބިގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ގުރައިދޫގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް އުއްމީދު ކުރާނެ ކަމަށާއި އެ މަސައްކަތް ވީހާ ވެސް އަވަހަކަށް ފަށާނެ ކަމަށެވެ.
އަބްދުއްރައްޒާގު މިއަދު ވިދާޅުވީ އެ ޕްރޮޖެކްޓުގެ ދަށުން ގުރައިދޫގައި ޖަހާނީ ޖިއޯޓިއުބް ރިވެޓްމެންޓް ކަމަށެވެ.
"ޖުމްލަ 2،421 މީޓަރުގެ ރިވެޓްމެންތް މި ޕްރޮޖެކްޓްގެ ދަށުން ޖަހާނެ. މި ޕްރޮޖެކްޓް ވީހާ ވެސް އަވަހަށް ފެށުމަށް މި މަސައްކަތް ކުރަނީ. އަޅުގަނޑުމެން މި ޕްރޮޖެކްޓްގައި ބޭނުން ކުރާނީ ޖިއޯޓިއުބް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕްރޮޖެކްޓަށް ބޭނުންވާ ޖިއޯޓިއުބްތައް ގެންނަން ޖެހެނީ އޮސްޓްރޭލިއާގައި ހުންނަ ގިއޯޓެކްސްޓައިލްސް އިން ކަމަށެވެ. އެހެން ކަމުން އެތަކެތި ރާއްޖެ އައުމަށް 45 ދުވަސް ހޭދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރުވެސް ރަށުގައި ކުރިއަށްދާ ޕްރޮޖެކްޓެއް ކަމަށްވުމާ އެކު މެޝިނަރީތައް ގެންދިޔުން ފަދަ މަސައްކަތްތައް މިފަހަރު ކުރަން ނުޖެހޭނެ ކަމަށް އަބްދުއްރައްޒާގު ވިދާޅުވި އެވެ.
ގުރައިދޫ ހިއްކުމުގެ މަސައްކަތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ މިހާރު ޕްރޮޖެކްޓް ވަނީ 50 ޕަސެންޓަށް ވުރެ ބޮޑަށް ނިމިފައި ކަމަށެވެ. އަދި އަންނަ އަހަރުގެ ޖޫން ހާ ހިސާބުގައި އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.