17 Dec 2015, 12:33
ހިންނަވަރުން: ފާތުމަތު ސައީދު
ހޫނު މޫސުމެއް އަތުވެއްޖެ ނަމަ ރާއްޖޭގެ ގިނަ ރަށްތައް ފެނަށް ޖެހޭ ކަމަށާއި ނަމަވެސް ފެނަށް ޖެހުމުން ރާއްޖެ ސަލާމަތް ކުރަން ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެންވަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޅ. ހިންނަވަރު ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ހިންނަވަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައްކާތެރި ބޯފެން ރައްޔިތުންނަށް ލިބެން ޖެހޭ ކަމަށެވެ. އަދި ހޫނު މޫސުމެއް އަތުވެއްޖެ ނަމަ ފެނަށް ޖެހި ގިނަ ރަށްރަށުގައި ފެން ނުލިބޭތަން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރާއްޖޭގައި ކުރިއާ ހިލާފަށް ހޫނު މޫސުން ދިގުލައިގެން ދަނީ. އެކަމުގެ ސަބަބުން ސާފު ބޯފެން ނުލިބޭ ރަށްތައް ރާއްޖޭގައި ވަރަށް ގިނަ. ސަރުކާރުން މިދަނީ ރައްޔިތުން ބޯފެނަށް ޖެހުމުގެ މައްސަލައިން ސަލާމަތް ކުރަން މަސައްކަތް ކުރަމުން، " މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.

އެންވަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ހިންނަވަރަށް ކުރި ދަތުރުގެ ތެރެއިން -- ސަންފޮޓޯ -- ފާތިމަތު ސައީދު
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަން ފަހުން 10 ރަށެއްގައި ފެނުގެ ނިޒާމް ގާއިމް ކުރެވިފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ތޯރިގް ވަނީ އެއީ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރައްވައިފަ އެވެ. މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަށް ވީހާ ވެސް ފުރިހަމައަށް ފޯރު ކޮށްދިނުމަށް ކަމަށެވެ.
ނަމަވެސް ރާއްޖެއަށް ލިބޭ އަސާސީ އެހީ ހުއްޓުވަން ބަޔަކު މަސައްކަތް ކުރަމުން ދާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރާއްޖެ އަށް ލިބޭ އަސާސީ އެހީ ހުއްޓުވަން ބަޔަކު އެބަ މަސައްކަތް ކުރޭ. އެއީ ވަރަށް ހިތާމަ ހުރި ކަމެއް. އަދި އޭގެން ގެއްލުންވާނީ ހަމަ އެކަނި ސަރުކާރަކަށް ނޫން. ދިވެހި ރައްޔިތުންނަށް." މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.
މިއަދު ހިންނަވަރުގައި ފަށާ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތަށް 3.76 މިލިއަން ޑޮލަރު (57.98 މިލިއަން ރުފިޔާ) ހަރަދުވެ އެވެ. އެ ރަށުގައި ފެނުގެ ނިޒާމް ގާއިމް ކުރަނީ ޔޫއެސްއެއިޑް ގެ ހިލޭ އެހީގެ ދަށުންނެވެ.