ކުޑަކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލު މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުމަށް ފުލުހުންގެ ހައްޔަރުން ދޫކުރަން ފަށައިފި އެވެ.

އާދިލް މިހާރު ކުރިއަށްދާ ޖަލްސާގައި ހާޒިރުވެވަޑައިގެން އެބަ އިންނެވި އެވެ. މިއީ ކްރިމިނަލް ކޯޓުގެ އަމުރަށް މިމަހުގެ 4 ވަނަ ދުވަހު އާދިލް ހައްޔަރުކުރި ފަހުން އޭނާ ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ޖަލްސާ އެވެ.

މިއަދުގެ ޖަލްސާގެ ހެނދުނު ދަންފަޅީގައި އާދިލް ވާހަކަދައްކައިފައެއް ނުވެ އެވެ.
އާދިލްގެ މައްޗަށް ތުހުމަތުކުރެވެނީ 13 އަހަރުގެ އަންހެންކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އާދިލް މަޖިލީހަށް ވަޑައިގަންނަވަން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ކުރިން ވެސް ބުނެފައިވާނެ ކަމަށާއި އާދިލް ވަޑައިގަންނަވަން ބޭނުންވާ ކޮންމެ ޖަލްސާއަކަށް ފުލުހުންގެ ބެލުމުގެ ދަށުން ވަޑައިގެންނެވޭނެ ކަމަށެވެ.

"އާދިލް ވަޑައިގަންނަވަން ބޭނުންވާ ކޮންމެ ޖަލްސާއަކަށް ވަޑައިގެންނެވޭނެ. ފުލުހުންގެ ބެލުމުގެ ދަށުން ގެންދާނީ އަދި ޖަލްސާ ނިމުނީމަ އަނބުރާ ފުލުހުންގެ ހައްޔަރަށް އާދިލް އަންނާނެ،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މެމްބަރަކު ކުށެއްގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ހުންނަ މުއްދަތުގައި ބާއްވާ މަޖިލީހުގެ ޖަލްސާތަކަށާއި އޭނާ ހިމެނޭ ކޮމެޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު، އެ މެމްބަރަކަށް ލިބިގެންވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މުހިންމު ކަންތައްތަކެއް ވަނީ އެޖެންޑާކޮށްފަ އެވެ. އެގޮތުން ފޮރިން މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވާ އަހުމަދު ނަސީމް )ކެރަފާ ނަސީމް( އާއި ބަންޑާރަ ނައިބު ކަމަށް އައްޔަން ކުރައްވާފައިވާ އަބްދުﷲ މުއިއްޒަށް މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް މިއަދު މެންދުރު 1:30 ގައި ވޯޓަށް އެހުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.