ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބޭނުންވާ ފަރުވާ މިހާރުން މިހާރަށް ނުދެވިއްޖެ ނަމަ އެމަނިކުފާނުގެ ހާލަތު ވަރަށް ގޯސްވެދާނެ ކަމަށް ނަޝީދުގެ ވަކީލެއް ކަމަށްވާ ޖެރެޑް ޖެންސަ ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ގާނޫނީ ވަކީލު ޖެރެޑް ގެންސަ އެމެރިކާގެ ވޯލް ސުޓްރީޓް ޖާނަލްގައި ލިޔުއްވާފައިވާ ގޮތުގައި ރައީސް ނަޝީދުގެ މައިބަދަ އަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. އަދި އެމަނިކުފާނަށް ލިބިވަޑައިގަންނަވަން ޖެހޭ އެކަށީގެންވާ ފަރުވާ ލިބިވަޑައިނުގަތުމުގެ ސަބަބުން ރައީސް ނަޝީދުގެ ހަށިގަނޑުގެ އެއްފަރާތާއި މޫނާއި އިނގިލިތައް އައްސިވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދަށް ލިބިވަޑައިގަންނަވަން ޖެހޭ ފަރުވާ އަވަސް ގޮތެއްގައި ލިބިވަޑައިނުގެންފި ނަމަ މާފުށީ ޖަލުގައި ރައީސް ނަޝީދު ނެތިގެން ހިނގައިދާނެ ކަމަށެވެ.

ޖެރެޑުގެ ލިޔުމުގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ބައްޔަށް އިތުރު ފަރުވާ ހޯދުމަށް ރާއްޖެ އިން ބޭރަށް އެމަނިކުފާނު ނުފޮނުއްވުމަށް ދެކޮޅު ހައްދަވަނީ ރައީސް ނަޝީދު އަވަހާރަކޮށްލުމުގެ ނިޔަތުގައި ކަމަށެވެ.

"ރައީސް ނަޝީދު ދެއްކެވި ޑޮކްޓަރުން ވެސް ލަފާ ދެއްވާފައި ވަނީ ނަޝީދުގެ މައިބަދައިގެ މައިކްރޯސާޖަރީއެއް ހެދުމަށް. ނަމަވެސް އެއީ އެ ފަރުވާއެއް ނެތް ރާއްޖެއަކުން ދެވޭކަށް. އެކަމަކު ވެސް ރައީސް އަބްދުﷲ ޔާމީން ރައީސް ނަޝީދު ބޭރަށް ފޮނުއްވުމަށް އަންނަނީ ދެކޮޅު ހައްދަވަމުން،" ޖެރެޑްގެ ލިޔުމުގައި ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ޖެރެޑް (ވ) ނޫސްވެރިންނާ ބައްދަލުކުރައްވަނީ ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ޖެރެޑު މިހެން ވިދާޅުވެފައިވާ އިރު ރައީސް ނަޝީދުގެ އާއިލާއިން ވެސް ވަނީ ނަޝީދަށް އެކަށީގެންވާ ބޭސްފަރުވާގެ ހިދުމަތް ދެމުން ނުދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ހަމައެއާ އެކު ނަޝީދުގެ އާލާސްކަންފުޅާ ގުޅޭ ގޮތުން ރައީސް މުޙަންމަދު ނަޝީދު ބެއްލެވި ޑޮކްޓަރުން ރައީސް މުޙައްމަދު ނަޝީދަށް ދެއްވާ ލަފައާއި ރައީސް މުޙައްމަދު ނަޝީދުގެ ބައްޔާގުޅޭ އެކިއެކި މަޢުލޫމާތު ސަރުކާރުގެ ފަރާތުން ހޯމް މިނިސްޓަރު އެފެއާޒް ޢުމަރު ނަސީރު ޢާންމު ކުރައްވަމުން ގެންދަވާތީ ރައީސް ނަޝީދުގެ އޮފީހުން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.

ރައީސް ނަޝީދުގެ ވަކީލު ޖެރާޑުގެ ލިޔުމުގައި އޭނާ ވަނީ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅުދައްކަވާފަ އެވެ. އެގޮތުން ރައީސް ޔާމީނަކީ އިންސާނީ ހައްގުތަކަށް ކަމޭހިތްތަވާ ބޭފުޅެއް ނޫން ކަމަށް ޖެރެޑު ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް ޔާމިނަކީ އަމިއްލަ ރައްޔިތުންނަށް ވެސް އިތުބާރު ކުރައްވާ ބޭފުޅެއް ނޫން ކަމަށް ވެސް ޖެެރެޑުގެ ލިޔުމުގައިވެ އެވެ.