17 Dec 2015, 12:47
ދިވެހި ސަރުކާރާ ގުޅުން އޮންނަ ދިވެހި ވިޔަފާރިވެރިންގެ މުދާ އީޔޫގެ މެމްބަރު ގައުމުތަކުން ހިފަހައްޓުމަށް އެ ގައުމުތަކަށް ގޮވާލައި އީޔޫ ޕާލިމެންޓަށް ހުށަހެޅި ގަރާރުގެ ސަބަބުން އީޔޫ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ހީނަރުކަމެއް އަތުވެދާނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެފަދަ ގަރާރެއް ހުށަހެޅިގެން ދިޔައީ ކޮޕް 21 އަށް ފަހު ރާއްޖެ އާއި އީޔޫ އާ ވަރަށް ގާތްކޮށް މަސައްކަތް ކޮށްފައި ވަނިކޮށް ކަމަށެވެ.
އީޔޫ ޕާލިންޓަށް ހުށަހެޅި އެ ގަރާރުގައި އެގޮތަށް ގޮވާލާފައި ވަނީ އިންސާނީ ހައްގުތަކާ ހިލާފަށް ރާއްޖޭގައި ހިނގާ ކަންކަން އިތުރަށް ގޯސްވަމުންދާތީ ކަމަށް ވަނީ ބުނެފަ އެވެ. އިންސާފުން ބޭރުން ކުރެވޭ ޝަރީއަތްތައް ހުއްޓާލުމަށާއި ހާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ގާނޫނީ ތަރަހައިގެ ތެރެއިން ޝަރީއަތް ހިންގުމަށް ގަރާރުގައި ވަނީ ގޮވާލައިފަ އެވެ.
މިނިސްޓަރު ވަނީ އެ ގަރާރާ މެދު ސަރުކާރުން ކަންބޮޑުވުން އޮތްކަން ފާޅުކުރައްވައިފަ އެވެ.
"ދިވެހިރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން އާ ދެމެދު އޮތް ގުޅުމުގެ ތެރޭގައި އަޅުގަނޑުމެން އެކި އެކި މަސައްކަތްތަކެއް ކުރަމުން މިހާރު ވެސް މިދަނީ. އެހެންވީމާ މިކަހަލަ ވަގުތެއްގައި މިކަހަލަ ގަރާރެއް ހުށަހެޅުމަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި (ދެފަރާތުގެ ދެމެދުގައި) އޮތް ގުޅުމަށް ހީނަރުކަމެއް އައުން އެކަށީގެންވާ ކަމެއް. އަދި އޭގެ އިތުރުން ދިވެހި ސަރުކާރުން ވަރަށް ކަންބޮޑުވާ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ގަރާރާ ގުޅިގެން ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ އާ ބެހޭ ގޮތުން ހުށަހަޅާފައިވާ ގަރާރަކީ، މި އަހަރުގެ އޭޕްރީލް މަހު ޔޫރަޕިއަން ޔޫނިއަން ޕާލަމަންޓް އިން ފާސްކޮށްފައިވާ ގަރާރެކޭ އެއްފަދައިން ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމުތަކުން އަމަލުކުރުން ލާޒިމު ނުވާ ގަރާރެއް ކަމަށެވެ.
ގަރާރާ ގުޅޭ ކަންކަން ޔޫރަޕިއަން ޔޫނިއަންގެ އެމްބަސީއާ ގުޅިގެން ފޮރިން މިނިސްޓްރީ އިން ކުރިއަށްދާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.
އެ ގަރާރުގައި ގިނަ އަދަދެއްގެ ހަގީގަތާ ހިލާފު ކަންކަން ހުރުމުގެ އިތުރުން ހަރުކަށި ފިޔަވަޅުތަކަކަށް ގޮވާލާފައިވާ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.
ގަރާރުގައި ސުލްހަވެރި މުޒާހާރާ ކުރުމަށް ޒަމާނީ ޑިމޮކްރަސީއާ އެއްގޮތަށް ރައްޔިތުންނަށް ފުރުސަތު ދިނުމަށް ގޮވާލައިފަ އެވެ. އަދި ސުލްހަވެރި މުޒާހަރާތައް ހުއްޓުވުމުގެ ބަދަލުގައި ގޭންގުތަކުން ހިންގާ ނޭދެވޭ ކަންކަން ހުއްޓުވުމަށް ހަނދާންކޮށްދިނުން ވެސް ގަރާރުގައި ހިމަނާފައިވެ އެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމަށް ރާއްޖެ އިން މިހާރު ތައްޔާރުވަމުން ދާއިރު އެކަން ވެސް ހުއްޓާލުމަށް ގަރާރުގައި ގޮވާލާފައިވެ އެވެ.
މިއަދުގެ ވަގުތެއްގައި ގަރާރު ހުށަހެޅި ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.