މުސާރަ އިން ކޮންމެ މަހަކު ވެސް ވަކި ވަރެއް ކެނޑޭ ގޮތަށް މީހުން ހައްޖަށް ފޮނުވުމަށް އެއާޕޯޓްސް ކޮމްޕެނީއާ އެކު ހައްޖު ކޯޕަރޭޝަނުން ސޮއި ކުރަން ނިންމި އެއްބަސްވުން އިސްލާމިކް މިނިސްޓްރީން ހުއްޓުވާފައި ނުވާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އެމްއޭސީއެލްއަކީ ހައްޖު ކޯޕަރޭޝަނުން ގާއިމްކުރި ސުކީމުގެ ދަށުން ހައްޖު ކޯޕަރޭޝަނާ އެކު ސޮއި ކުރުމަށް ހަމަޖެހުނު ފުރަތަމަ ކުންފުންޏެވެ. ނަމަވެސް ރޭ އެ އެއްބަސްވުމުގައި ސޮއި ކުރެވިފައެއް ނުވެ އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝައިހު އަހުމަދު އިބްރާހީމް "ސަން" އަށް މިއަދު ވިދާޅުވީ އެމްއޭސީއެލް އާއި ހައްޖު ކޯޕަރޭޝަން ގުޅިގެން ރޭ ސޮއި ކުރުމަށް ތައްޔާރުވި އެއްބަސްވުން މިނިސްޓްރީން ހުއްޓާފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިނިސްޓްރީ އަކުން އެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރުމެއް ހުއްޓުވާފައެއް ނޯންނާނެ،" އިބްރާހިމް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހައްޖު ކޯޕަރޭޝަން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވި ޖަލްސާގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން އިފްތިތާހު ކޮށްދެއްވި އެ ސުކީމަކީ ވަޒީފާގައި އުޅޭ ކޮންމެ މުވައްޒަފަކު ވެސް އެމީހެއްގެ މުސާރައިން ކަނޑަން ބޭނުންވާ އަދަދަކަށް ފައިސާ ކަނޑައިގެން ހައްޖަށް ފޮނުވުމަށް އެހީތެރި ވެދޭ ސުކީމެކެވެ.

ރޭ ހައްޖު ކޯޕަރޭޝަނާއި އެމްއޭސީއެލް އިން ސޮއި ކުރުމަށް ތައްޔާރުވި އެއްބަސްވުން ލަސްވި ސަބަބު ހޯދުމަށް "ސަން" އިން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސަށް ގުޅާލުމުން ވިދާޅުވީ އެއްބަސްވުމުގައި ސޮއި ކުރުން އިސްލާމިކް މިނިސްޓްރީން ހުއްޓުވާފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެމްއޭސީއެލް އިން ގުޅާފައި ބުނީ އެވެންޓް ކުޑަކޮށް ލަސްކޮށްލަ ދިނުމަށް. އަޅުގަނޑުމެން އެކަމަށް އޯކޭ ދިނިން. މިނިސްޓްރީ އަކުން ނާންގާ އެއްބަސްވުން ހުއްޓުވި ކަމެއް،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ފަހަރުގައި މިއަދު ވެސް ބޭއްވިދާނެ ކަމަށެވެ.