17 Dec 2015, 10:34
ފޯމް ގެއްލި ރެލިގޭޓްވުމުގެ ބިރު ހީވެފައިވާ ޗެލްސީގެ ކޯޗް ހޯސޭ މޮރީނިއޯ ޗެލްސީގެ ކުޅުންތެރިން ފުޓްބޯޅަ ދަސްކުރަން ޖެހޭ ކަމަށްބުނެ ފާޑުކިޔައިފިއެވެ.
ޗެލްސީ ޓީވީއަށް ދިން އިންޓަވިއު އެއްގައި މޮރީނިއޯ ބުނީ ޗެލްސީގެ ބައެއް ކުޅުންތެރިންގެ އަމަލުތަށް ހުންނަ ގޮތުން އެހެން ކުޅުންތެރިންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާ ކަމަށާއި އެ ކުޅުންތެރިންގެ އަހްލާގް ރަނގަޅު ނުކުރާނަމަ އޭގެ ނޭދެވޭ އަސަރު އެހެން ކުޅުންތެރިންނަށް ވެސް ކުރާނެ ކަމަށެވެ.
"ބައެއް ކުޅުންތެރިން އެބަޖެހޭ އަލުން ވިސްނަން އެ މީހުން ޗެލްސީގައި އުޅެމުންދާ ގޮތާއި މެދު. އެ މީހުން އެ އުޅެނީ ފުޓްބޯޅައިގެ ތެރޭގައި. އެއީ ވަޒީފާއެއް. އެތަށް މިލިއަން ބަޔަކު ތިބޭނެ މޮޅެތި ފުޓްބޯޅަ ކުޅުންތެރިންނަށް ވާން ބޭނުންވެ ނުވެވިފަ،" މޮރީނޮއޯ ބުންޏެވެ.
އޭނާ ބުނީ ޗެލްސީއިން ފުރުސަތު ލިބިފައި ތިބި ކުޅުންތެރިން އެ ކުޅުންތެރިންގެ އެއްވެސް ވަގުތުކޮޅެއް ދަނޑުމަތީގައި ބޭކާރު ކޮށްލެވިގެން ނުވާނެ ކަމަށާއި ކޮންމެ ވަގުތުކޮޅެއްގެ ފައިދާ ހެޔޮގޮތުގައި ނަގައި އެ ކުޅުންތެރިއެއްގެ އެންމެ ރަނގަޅު ކުޅުން ދައްކައި ޓީމަށް ފައިދާ ތަކެއް ކޮށްދޭން ޖެހޭ ކަމަށެވެ.
ލީގްގައި މިހާ ތަނަށް ކުޅުނު 16 މެޗްން 15 ޕޮއިންޓް ލިބިގެން 20 ޓީމް ހިމެނޭ އިނގިރޭސި ޕްރިމިއާ ލީގްގެ ފުލުން ހަތަރު ވަނާގައި އޮތް ޗެލްސީގެ ކޯޗް ކުރިން ބުނީ އެ ޓީމް އެ ހިސާބަށް ދިއުމުގެ ޒިންމާ އޭނާގެ އިތުރުން ކޮންމެ ކުޅުންތެރިއަކު ވެސް ނަގަން ޖެހޭ ކަމަށާއި ފަރިތަކުރުންތަކުގައި އެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދާ ކުޅުން މެޗްތަކުގައި ފެނިގެން ނުދާ ކަމަށެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޗެލްސީގެ ވެރިޔާ ރޯމަން އަބްރޮމޮވިޗް އެ ކުލަބުގެ ބޯޑް މީޓިންގް އެއް ބާއްވާ މޮރީނިއޯގެ ކުރިމަގާއި މެދު މަޝްވަރާ ކުރުމަށް އަންނަނީ ތައްޔާރުވަމުން ނެވެ.
މޮރީނިއޯ އަންނަނީ މަގާމުގައި ދެމިހުންނަން ބޭނުންވާކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އޭނާ ބުނީ ކުލަބު އެއޮތް ހިސާބުން ރަނގަޅު ފައްތަރަކަށް ގެންދަން ބޭނުންވާ ކަމަށާއި އެންމެ ކާމިޔާބު ކޯޗު، މަގާމުން ވަކިކުރުމަކީ އޮންނަ ކަމެއްނޫން ކަމަށެވެ. އެ ނިއްމުމަށް އެ ޓީމްގެ ގިނަ ކުޅުންތެރިން ވެސް އަންނަނީ ތާއިދު ކޮށް މޮރީނިއޯއާ އެކީ ކުރިއަށް ދާން ބޭނުންވާ ކަމަށް ބުނަމުންނެވެ.
އެ ކުލަބުން މޮރީނިއޯ މަގާމުން ވަކިކުރާނަމަ ބަދަލެއްގެ ގޮތުން އޭނާ އަށް މަދުވެގެން 40 މިލިއަން ޕައުންޑް ދޭންޖެހޭނެ އެވެ. އެއީ ޗެލްސީއާއެކު އޭނާ ހެދި ހަތަރު އަހަރުގެ ކޮންޓްރެކްޓަށްވާ ފައިސާ އެވެ. މި ކޮންޓްރެކްޓް ބުނާގޮތުން މުސާރައިގެ ގޮތުގައި ހަފުތާއަކު މޮރީނިއޯ އަށް 250000 ޕައުންޑް ދޭންޖެހޭނެ އެވެ.