އިސްލާމް އާބާދު (ޑިސެމްބަރު 17) : ޓެރަރިޒަމާ ހަނގުރާމަ ކުރުމަށް ޓަކައި ސައޫދީ އަރަބިޔާގެ ކޮމާންޑްގެ ދަށުން އުފެއްދި 34 ގައުމު ހިމެނޭ އިސްލާމީ އަސްކަރީ އެލަޔަންސްގައި ބައެއްގައުމުތައް ބައިވެރިކޮށްފައި ވަނީ އެގައުމުތަކާ މަޝްވަރާ ކުރުމެއްނެތި ކަމަށް އެގައުމުތަކުން ބުނެފި އެވެ.

ސައޫދީ އާ ގާތްގުޅުންތަކެއް އޮންނަ ޕާކިސްތާނާއި މެލޭޝިޔާއިން ވެސް ބުނެފައި ވަނީ މިއެލަޔަންސްގައި ބައިވެރިކުރުމާ ބެހޭ ގޮތުން އެގައުމުތަކުގެ ސަރުކާރުތަކާ ސައޫދީ ސަރުކާރުން އެއްވެސް ވަރަކަށް މަޝްވަރާކޮށް އެގައުމުތަކުގެ ރުހުން ހޯދާފައިނުވާ ކަމުގަ އެވެ. ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އަޒީޒު ޗައުދަރީއާ ހަވާލާދީ އެގައުމުގެ ނޫހެއް ކަމަށްވާ "އަލްފަޖްރު" ބުނި ގޮތުގައި އިސްލާމީ އަސްކަރީ އެލަޔަންސްގެ ގައުމުތަކުގެ ލިސްޓުގައި ޕާކިސްތާނުގެ ނަން އޮތުމުން ޕާކިސްތާނުގެ މަސްއޫލުވެރިންނަށްވަނީ ސިހުން ލިބިފަ އެވެ. ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ މިކަންވެފައިވާ ގޮތެއް ސައޫދީ ސަރުކާރާ ގުޅައިގެން ސާފުކޮށްދިނުމަށް ސައޫދީ ގައި ހުންނަވާ ޕާކިސްތާނުގެ ސަފީރުގެ އަރިހުން އެދިފައިވާނެ ކަމުގަ އެވެ.

މެލޭޝިޔާގެ ދިފާޢީ ވަޒީރު ހިޝާމުއްދީން ޙުސައިން ވިދާޅުވެފައި ވަނީ އެ އެލަޔަންސްގައި މެލޭޝިޔާ ބައިވެރި ކުރިކަން ސައޫދީ ސަރުކާރުން ނާންގާކަމުގަ އެވެ. އަދި އެ އެލަޔަންސަށް ޑިޕްލޮމެޓިކް ގޮތުން ތާއީދު ކުރި ނަމަވެސް އެ އެލަޔަންސުން ހިންގާ އަސްކަރީ އެއްވެސް ހަރަކާތެއްގައި މެލޭޝިޔާ ސިފައިން ބައިވެރި ނުވާނެ ކަމަށް ހިޝާމުއްދީން ޙުސައިން ވިދާޅުވި އެވެ.

ސައޫދީ ސަރުކާރުން މިދިޔަ ހޯމަ ދުވަހުގެ ރޭ ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައި ވަނީ އެގައުމުގެ ކޮމާންޑްގެ ދަށުން އަސްކަރީ އެލަޔަންސެއް އެކުލަވާލުމަށް އިސްލާމީ 34 ގައުމަކުން އެއްބަސްވެފައިވާ ކަމަށާ މިއެލަޔަންސް އުފެއްދުމުގެ ބަޔާނުގައި އިސްލާމީ 34 ގައުމެއްގެ ސަރުކާރުތަކުން ރަސްމީ ސިފައެއްގައި ސޮއިވެސް ކޮށްފައިވާ ކަމުގަ އެވެ. މިކަން ކޮށްފައި ވަނީ ފާއިތުވި 72 ގަޑިއިރުގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަމަށް ވެސް މިބަޔާން ބުނެއެވެ.

ސައޫދީން އަސްކަރީ އެލަޔަންސްގައި ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިޔާ، އުރުދުން، ޔޫއޭއީ، ޕާކިސްތާން، ބަހްރައިން، ބަންގްލަދޭޝް، ބެނިޔަން، ތުރުކީ، ޓޯގޯ، ޖިބޫތީ، ސެނެގޯލް، ސޫދާން، ސިރަލިޔޯން، ސޮމާލިޔާ، ގެބޯން، ގިނީ، ފަލަސްތީން، ކޮމޯރޯސް، ގަތަރު، ކުވައިތު، ލުބްނާން، ލީބިޔާ، ދިވެހިރާއްޖެ، މެލޭޝިޔާ، މިސްރު، މާލީ، މޮރޮކޯ، މޮރޮޓޭނިޔާ، ނައިޖަރު، ނައިޖީރިޔާ، ޔަމަން، އަދި ޗާޑް ފަދަ ގައުމުތައް ހިމެނެ އެވެ. ނަމަވެސް ސައޫދީ އަރަބިޔާގެ އަވަށްޓެރި އީރާނާއި އިރާގާއި ސޫރިޔާގެ ނަން މިއެލަޔަންސްގައި ހިމަނާފައެއް ނުވެ އެވެ.

މީގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ގައުމު ކަމަށްވާ އިންޑޮނީޝިޔާއާއި މެދުތެރޭ އޭޝިޔާގެ އިސްލާމީ ޖުމްހޫރިއްޔާތައް ކަމަށްވާ ކަޒަޚިސްތާން ކިރްގިސްތާން ފަދަ ގައުމުތައް މިއެލަޔަންސްގައި ހިމަނާފައެއް ނުވެ އެވެ. ސައޫދީ ޚާރިޖީ ވަޒީރު އާދިލް އަލްޖުބައިރު ވިދާޅުވި ގޮތުގައި އިސްލާމީ އެލަޔަންސްގައި އީރާން ބައިވެރި ނުކުރީ ސޫރިޔާއާއި ޔަމަންގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް އީރާނުން މަދަދު ދޭތީ ކަމުގަ އެވެ. އަދި އީރާނުގެ މިސުލޫކު ބަދަލުކޮށްފި ނަމަ މިއެލަޔަންސުން އީރާނަށް ޖާގަ ދޭނެކަމަށް ވެސް އާދިލް އަލްޖުބައިރު ވިދާޅުވެފައިވެ އެވެ.

ސައޫދީ އަރަބިޔާއަކީ އައިއެސް ޖަމާއަތާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާ އެކުލަވާލާފައިވާ ކޯލިޝަންގައި ވެސް ހިމެނޭ ގައުމެކެވެ. އަދި ސައޫދީ އަރަބިޔާއަކީ ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ނުސީދާ ގޮތެއްގައި ވަދެފައިވާ އަދި ޔަމަންގެ ސަރުކާރާއި އެގައުމުގެ ހޫޘީ ޖަމާއަތާ ދެމެދު ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ސީދާގޮތެއްގައި ވަދެ ހަނގުރާމަ ކުރަމުން ގެންދާ ގައުމެއް ވެސް މެއެވެ. އީރާނާއި ސައޫދީ އަރަބިޔާގެ ރުޅިވެރިކަމާއި ދެކޮޅުވެރިކަމުގެ ފަހަތުގައިވެސްވަނީ ސޫރިޔާއާއި ޔަމަންގައި މިދެގައުމުގެ މަސްލަޙަތު ފުށުއަރާ އެރުންތަކެވެ. ސޫރިޔާގެ ސަރުކާރު ވައްޓާލަން ސައޫދީން މަސައްކަތްކުރާ އިރު އީރާނުން މަސައްކަތް ކުރަނީ އެސަރުކާރު ހިމާޔަތް ކުރުމަށެވެ. ނަމަވެސް ޔަމަންގައި މިއާމުޅިން ތަފާތެވެ. ޔަމަންގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ހޫޘީ ޖަމާއަތަށް އީރާނުން ވާގިވެރިވާއިރު ސައޫދީން ވަނީ ޔަމަންގެ ސަރުކާރު ވެއްޓުމުން ސަލާމަތްކުރުމަށްޓަކައި އަސްކަރީ ގޮތުން ޔަމަނަށް ވަދެގެންފައެވެ. (ނޫސްއެޖެންސީތައް)