18 Dec 2015, 10:58
މަޝްހޫރު އޮޓޯމޯބައިލް ކުންފުނި ކަމަށްވާ "ހިއޫންޑޭ" ތިމާވެއްޓާ އެކުވެރި، ތިން ގޮތަކަށް ޗާޖު ކުރެވޭ އިލެކްޓްރިކް ކާރެއް އަންނަ މަހުގައި ނެރުމަށް ހަމަޖައްސައިފި އެވެ.
ޗާޖު ކުރެވޭ އުޅަނދު އުފައްދާ ކުންފުނިތަކުގެ ތެރެއިން އުފައްދާފައިވާ އިލެކްޓްރިކް ވެހިކަލް (އީވީ) ތަކުގައި އާންމުކޮށް އުފައްދަނީ އެ ޗާޖު ކުރަން އެންމެ ގޮތެކެވެ. ނަމަވެސް ހިއޫންޑޭ އިން އުފައްދާ "އަޔޯނިކް" މަސައްކަތް ކުރުމަށް ޗާޖު ކުރާނެ ތިން ގޮތެއް ވަނީ އެ ކުންފުނިން ތައާރަފުކޮށްފައެވެ.
އެ ކުންފުނިން ބުނިގޮތުގައި އަޔޯނިކް އީވީގައި ކަރަންޓުން ޗާޖު ކުރުމުގެ އިތުރުން ގެސޮލިން-އިލެކްޓްރިކް އަދި ކަރަންޓު ޕްލަގް ބޭނުން ކޮށްގެން ޗާޖު ކުރެވޭނެ ކަމަށެވެ.
އަންނަ މަހު ދެއްކުމަށް ހަމަޖެހިފައިވާ އެ ކާރާ ބެހޭގޮތުން ކުންފުނިން އާންމުކޮށްފައިވާ މައުލޫމާތުތައް މަދެވެ. އެހެން ނަމަވެސް ހިއޫންޑޭ އިން ބުނެފައއިވަނީ އެ ކާރު އުފައްދާފައިވާ ގޮތުގެ ސަބަބުން ކާރުގައި ވައި އެޅޭވަރު ކުޑަވެގެން ދާނެ ކަމަށެވެ.
މުޅި ކާރުގެ އެތެރެއާއި ބޭރު އުފެއްދުމަށް ބޭނުންކޮށްފައިވާ ގިނަ ތަކެއްޗަކީވެސް ތިމާވެއްޓާ އެކުވެރި ތަކެތި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.