ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާއި ދުރުގައި ހުރި މެންޗަސްޓާ ސިޓީގެ ފޯވާޑް ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

ލީގްގައި މިދިޔަ މަހު ފަހު ކޮޅު ސައުތެމްޕްޓަން އަތުން 3-1ގެ ނަތީޖާ އިން ސިޓީ މޮޅުވި މެޗްގައު އަގުއެރޯއަށް ވަނީ އަނިޔާވެ ބަދަލުކުރަން ޖެހިފަ އެވެ. އޭގެ ފަހުން ސިޓީ އިއްޔެ ބޭއްވި ފަރިތަކުރުންތަކުގައި އަގުއެރޯ ވަނީ ބައިވެރިވެފަ އެވެ.

މި ސީޒަނުގައި އަނީޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ އަގުއެރޯ އަށް ވަނީ އެންމެ ފަހުން ސިޓީ ކުޅުނު ހަތަރު މެޗް ވެސް ގެއްލިފަ އެވެ.

މި ސީޒަނުގެ މިހާތަނަށް އަގުއެރޯ ސިޓީއަށް ކުޅެދިން 14 މެޗުގައި ނުވަ ގޯލް ކާމިޔާބުކޮށްފައިވާ އިރު އަންނަ އަންގާރަ ދުވަހު ލީގްގެ ދެވަނާގައި އޮތް އާސެނަލްއާ ދެކޮޅަށް ނިކުންނަ މެޗަށް އޭނާ މުޅިން ފިޓް ވާނެ ކަމަށް ސިޓީގެ ކޯޗް މެނުއަލް ޕެލްގްރިނީ ގަބޫލްކުރެ އެވެ.

ލީގް ތާވަލުގައި ސިޓީ މިވަގުތު އޮތީ 32 ޕޮއިންޓާއެކީ ތިންވަނައިގަ އެވެ. އާސެނަލް 33 ޕޮއިންޓާއެކީ ދެވަނައިގައި އޮތް އިރު، އެއްވަނައިގައި 35 ޕޮއިންޓާއެކީ އޮތީ، ލެސްޓަ ސިޓީއެވެ. އެހެން ކަމަން އާސެނަލްގެ ދަނޑުގައި އެ ޓީމް ބަލިކޮށް ތާވަލުގެ ދެވަނަ އަށް އެރުމުގެ ފުރުސަތު ސިޓީއަށް ވަނީ ތަނަވަސް ވެފަ އެވެ.