11 Apr 2011, 12:28
އެމެރިކާ ޑޮލަރުގެ އެކްސްޗޭންޖް ރޭޓަށް ބަދަލުގެނެސް 12.85ރ.ގެ ތިރިއާއި މައްޗަށް 20 ޕަސެންޓްގެ ބޭންޑެއް ލުމަށް ސަރުކާރުން ނިންމި ނިންމުމަކީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓް ހަރުދަނާ ކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މިއަދު ބުނެ އެ ނިންމުމަށް ތާއީދުކޮށްފި އެވެ.
މިއަދުން ފެށިގެން އެމެރިކާ ޑޮލަރު ވިއްކާ އަގު 10.28ރ އާއި 15.42ރ. ދެމެދުގައި ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ސަރުކާރުން ޕެގް ކުރުމުން އެ ނިންމުމަށް މަރުހަބާކިޔުމުގެ ގޮތުން ސްރީލަންކާ އާއި ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ކޯޝީ މަތާއީ އީމެއިލް މެދުވެރިކޮށް މީޑިއާ އަށް ފޮނުއްވި ކުރު މެސެއްޖެއްގައި ވިދާޅުވެފައި ވަނީ ސަރުކާރުން މި އެޅި މުހިންމު އިގްތިސޯދީ ފިޔަވަޅުގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވެދާނެ ދަތިތަކަށް ހައްލުހޯދައިދިނުމުގައި އައިއެމްއެފްގެ ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމަށެވެ.
"ސަރުކާރުގެ މި މުހިންމު ނިންމުމަށް އަޅުގަނޑުމެން މަރުހަބާ ކިޔަމެވެ. މިއީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓް ހަރުދަނާކޮށް އިގްތިސޯދު ރަނގަޅު ކުރުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއްކަމުގައި ވެސް ދެކެމެވެ. އަދި ސަރުކާރުން އެދިއްޖެ ކޮންމެ ހާލަތެއްގައި އަޅުގަނޑުމެންގެ ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް މިތިބީ ތައްޔާރަށެވެ." ކޯޝީ އީމެއިލްގައި ވިދާޅުވެފައިވެ އެވެ.
އައިއެމްއެފް އިން ބުނީ މިއަދުގެ ވަގުތެއްގައި އެ ބޭންކުގެ ރަސްމީ ވެބްސައިޓުގައި ސަރުކާރުގެ އެ ފިޔަވަޅާ ގުޅޭ ބަޔާނެއް ޝާއިއު ކުރާނެ ކަމަށެވެ.
ރާއްޖޭގެ ސެންޓްރަލް ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާ ރޭ އެމްއެންބީސީ ވަންގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވިދާޅުވީ އެކްސްޖޭންޖް ރޭޓަށް ބަދަލުތަކެއް ގެނައުމަށް އައިއެމްއެފްއިން ވެސް ލަފާ ދީފައިވާ ކަމަށާއި އެ ބަދަލު ގެނައިމުގައި އެ ފަރާތުގެ ލަފާ ވެސް ލިބިފައިވާ ކަމަށެވެ.