17 Dec 2015, 09:17
ކުޑަކުދިންނާ އެކު އެއްޖިންސުން ގުޅުން ހިންގައިގެން ހުށަހެޅި މައްސަލަތައް މި އަހަރު ފުލުހުންނަށް ހުށަހެޅިގެން ދިޔަ މިންވަރު ދެ ގުނަ އިތުރު ވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށް ފާއިތުވި ފަސް އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކުޑަކުދިންނާ އެއްޖިންސުން ގުޅުންހިންގި 74 މައްސަލައެއް ވަނީ ހުށަހެޅިފަ އެވެ.
އެގޮތުން 2014 ވަނަ އަހަރު ކުޑަކުދިންނާ އެކު އެއް ޖިއްސުން ގުޅުން ހިންގައިގެން 19 މައްސަލައެއް ހުށަހެޅުނު އިރު މި އަހަރުގެ މިދިޔަ މަހާއި ހަމައަށް 36 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހެޅިފަ އެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ކުޑަކުދިންނާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގުމުގެ 1374 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހެޅިފަ އެވެ. ފުލުހުން ބުނީ އެވްރެޖް ގޮތެއްގައި އަހަރެއްގެ މައްޗަށް 200 އަށް ވުރެ ގިނަ އެފަދަ މައްސަލަތައް ހުށަހެޅޭ ކަމަށެވެ.
"ކުޑަކުދިންނާ ގަދަކަމުން ދަބުއަޚްލާގީ ޢަމަލު ހިންގުމުގެ މައްސަލަތައް 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު އަދި 2013 ވަނަ އަހަރު ހުށަހެޅުނު ނިސްބަތް 2014 ވަނަ އަހަރާއި 2015 ވަނައަހަރު މަދުވަމުން ދިޔަ ނަމަވެސް އެކަށީގެންވާ ހެޔޮ ބަދަލެއް އައިސްފައި ނުވާކަން ފާހަގަ ކުރެވެ އެވެ. އަދި 2010 ވަނަ އަހަރު އެފަދަ 175 މައްސަލަ، 2011 ވަނައަހަރު 267 މައްސަލަ، 2012 ވަނައަހަރު 273 މައްސަލަ، 2013 ވަނަ އަހަރު 244 މައްސަލަ، 2014 ވަނަ އަހަރު 207 މައްސަލަ އަދި މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް 208 މައްސަލަ ހުށަހެޅިފައިވެ އެވެ." ފުލުހުން އާއްމު ކުރި ތަފާސް ހިސާބުތަކުގައިވެ އެވެ.
ފުލުހުން ބުނީ ޖިންސީ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނަށް އިހުމާލުވާ މައްސަލަތައް މަދުން ނަމަވެސް ފުލުހުންނަށް ހުށަހެޅެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން ފުލުހުން ބުނީ 2010 ވަނަ އަހަރު އެފަދަ 16 މައްސަލައެއް ހުށަހެޅުނު އިރު 2011 ވަނަ އަހަރު 35 މައްސަލަ ހުށަހެޅުނު ކަމަށެވެ. އަދި 2012 ވަނަ އަހަރުގެ ތެރޭގައި 83 މައްސަލަ އާއި 2013 ވަނަ އަހަރު ކުޑަކުދިންނަށް އިހުމާލުވުމުގެ 90 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ބުނީ މިދިޔަ އަހަރު އެފަދަ މައްސަލަތައް ހުށަހެޅިގެން ދިޔަ މިންވަރު މަދުވެގެން ދިޔަ ނަމަވެސް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ކުޑަކުދިންނަށް އިހުމާލުވުމުގެ 97 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
ފުލުހުންގެ ވެބްސައިޓުގައި އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކުޑަކުދިންނާ ގުޅޭ ގެވެށި އަނިޔާގެ މައްސަލަތައް ވެސް ފުލުހުންނަށް ހުށަހެޅޭ މިންވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން ތަފާސް ހިސާބުން ދައްކާ ގޮތުގައި ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި 388 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހެޅިފަ އެވެ. އަދި މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 173 މައްސަލައެއް ހުށަހެޅިފައިވާކަން ތަފާސް ހިސާބުން ދައްކަ އެވެ.