17 Dec 2015, 00:20
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެ ކުންފުނީގެ 10 މުވައްޒަފަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ދީފި އެވެ.
އެ ފަރާތްތަކަށް ހައްޖު ދަތުރުގެ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެކަމަށްޓަކައި މިރޭ ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒިޔާދު ބާގިރު އެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒިޔާދު ވިދާޅުވީ، ސަރުކާރުން ދީނީ ކަންތައްތަކަށް ބަހައްޓާ އަހައްމިއްޔަތުކަން މިރޭގެ ރަސްމިއްޔާތުން ހާމަވެގެން ހިނގައްޖެ ކަމަށެވެ.
"އަދުގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް، އެމަނިކުފާނުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ ދައުލަތުގެ މުއައްސަސާ ތަކަށް ވަރަށް ބޮޑު ހިންގުމުގެ ބާރެއް ދެއްވާފައި އޮތްކަން ހާމަވެގެންދާ ވަރަށް ބޮޑު ހެއްކެއް މިރޭ ހާމަވަގެން މިދިޔައީ،" މިނިސްޓަރު ޒިޔާދު ވިދާޅުވިއެވެ.
މިނިސްޓަރު ޒިޔާދު ވިދާޅުވީ، ހައްޖަށް ދިއުމަކީ އާއްމު ރައްޔުތުންނަށް މިހާރު އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި ހައްޖުގެ އަޅުކަމަކީ މާގިނައިން ލިބޭނެ ފުރުސަތެއް ވެސް ނޫން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޖުމްލަ ގޮތެއްގައި ހަމައެކަނި ދަތުރަށް ތައްޔާރު ވުމަށްޓަކައި ގާތްގަނޑަކަށް އެއްލައްކައެއްހާ ރުފިޔާ ބޭނުންވާނެ. އެ އަދި އެކޮޅަށް ގޮަސް ހުރުމަށް އެދޭން ޖެހޭ ހަރަދުތަކުގެ އިތުރުން، މިއީ އުމުރު ދުވަހު، އަޅުގަނޑުމެން ދުނިޔޭގައި މުޅި އުމުރު ހޭދަކޮށްގެން އަނބުރާ ދުނިޔެއަށް ދެވަނަ ފަހަރަށް އާދެވޭން ލިބޭނެ ދެވަނަ ފުރުސަތެއް މީ،" މިނިސްޓަރު ޒިޔާދު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ މިރޭގެ ރަސްމިއްޔާތުގައި ހައްޖު ދަތުރު ލިބުނު ފަރާތްތަކަށް މަރުހަބާ ދަންނަވާފަ އެވެ.
އެމްއޭސީއެލް އިން ހައްޖު ދަތުރުގެ ހަނދާނީ ލިޔުން ހަވާލު ކުރި ފަރާތްތަކުގެ ތެރޭގައި އެ ކުންފުންޏަށް މިހާރުވެސް ހިދުމަތް ކުރަމުން ގެންދާ ފަރާތްތަކާއި، އެ ކުންފުނިން ރިޓަޔާވެފައިވާ ފަރާތްތައް ހިމެނެއެވެ.