މުސާރައިން ކޮންމެ މަހަކު ވެސް ވަކި ވަރެއް ކެނޑޭ ގޮތަށް މީހުން ހައްޖަށް ފޮނުވުމަށް އެއާޕޯޓްސް ކޮމްޕެނީ އާއެކު ހައްޖު ކޯޕަރޭޝަނުން ސޮއި ކުރަން ނިންމި އެއްބަސްވުން އިސްލާމިކް މިނިސްޓްރީ އިން ހުއްޓުވައިފި އެވެ.

މިރޭ ސޮއި ކުރުމަށް ތާވަލް ކޮށްފައިވާ އެ އެއްބަސްވުން އިސްލާމިކް މިނިސްޓްރީ އިން ހުއްޓުވި ސަބަބެއް ސާފެއް ނުވެއެވެ. ދެން އެ އެއްބަސްވުމުގައި ސޮއި ކުރާނެ ދުވަހެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.

އެމްއޭސީއެލްއަކީ ހައްޖު ކޯޕަރޭޝަނުން ގާއިމްކުރި ސްކީމުގެ ދަށުން ހައްޖު ކޯޕަރޭޝަނާއެކު ސޮއި ކުރުމަށް ހަމަޖެހުނު ފުރަތަމަ ކުންފުންޏެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މިއަދު ސަން އަށް ވިދާޅުވީ، ހައްޖު ސްކީމަކީ ވަޒީފާގައި އުޅޭ ކޮންމެ މުވައްޒަފަކުވެސް އެމީހެއްގެ މުސާރައިން ކަނޑަން ބޭނުންވާ އަދަދަކަށް ފައިސާ ކަނޑައިގެން ހައްޖަށް ފޮނުވުމަށް އެހީތެރި ވެދޭ ސްކީމެއް ކަމަށެވެ.

"މިސާލަކަށް މުވައްޒަފަކު ބޭނުން ވަނީ އޭނަގެ މުސާރަ ހައްޖަށް ދިއުމަށް ޓަކައި ކޮންމެ މަހަކު ވެސް 1000 ރުފިޔާ ކެނޑެން. އެހެން ކަމަށްވަންޏާ ކުންފުނި ކޮންމެ މަހަކު ވެސް އޭނަގެ މުސާރައިން 1000 ރުފިޔާ ކެނޑުމަށްފަހު މިކޮޅަށް (ހައްޖު ކޯޕަރޭޝަން) ފޮނުވާނީ. ދެން އަޅުގަނޑުމެން އެ ފައިސާއިން އެބަ އިންވެސްޓު ކުރަން. އިންވެސްޓު ކޮށްފައި ލިބޭ ނަފާއިން އެބަ އެ މީހަކަށް އަޅުގަނޑުމެން ވެސް ފައިސާ ދެން. އެހެން ގޮސް 75 ޕަސެންޓް ހަމަވީމާ އަޅުގަނޑުމެން އެބޭފުޅަކަށް އެބަފޮނުވަން ލެޓާއެއް. އެ ލެޓާގައި އިންނާނެ އެ މުވައްޒަފަކަށް ހައްޖަށް ދެވޭނެ އަހަރާއި ބާކީ 25 ޕަސެންޓް އޭނަ ދައްކަންޖެހޭ ވަރު އެނގޭ ކަހަލަ ގޮތެއް،" ޔާމިން ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަންގެ ހައްޖު ސްކީމުގެ ދަށުން ހައްޖަށް ދިއުމުގެ ފުރުސަތު ފަހިވެގެން ދަނީ ހަމައެކަނި ސަރުކާާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަކަށް ނޫނެވެ. އެ ސްކީމުގައި އަމިއްލަ ކުންފުނިތަކުންވެސް ބައިވެރިވުމުގެ ފުރުސަތުވެސް އެ ކޯޕަރޭޝަނުން ވަނީ ހުޅުވާލާފައެވެ.