16 Dec 2015, 23:38
މުމްބާއީ އެއާޕޯޓުގައި ފުރަން ތައްޔާރުވެފައި އޮތް ފްލައިޓެއްގެ އިންޖީނު ސްޓާޓު ކުރި ވަގުތު، ގަދަ ވަޔާއެކު އިންޖީނުގެ ތެރެއަށް ދަމައިގަނެ އެއާ އިންޑިއާގެ ޓެކްނީޝަނަކު މަރުވެއްޖެ އެވެ.
އެހާދިސާ ހިނގާފައި ވަނީ މިއަދު ފުރަން ތައްޔާރުވެފައި އޮތް އޭ އެލް 619 ޖެޓްގަ އެވެ. ޖެޓް ދާން ތައްޔާރުވަމުން ދިޔައީ ހައިދަރު އާބާދަށް ދިއުމަށެވެ. އެ ހާދިސާ ހިނގާފައި މިއަދު ހެނދުނު ނުވައެއް ޖެހި އިރު އެވެ.
އެއާ އިންޑިއާގެ މެނޭޖިންގް ޑިރެކްޓަރު އަދި ޗެއާމަން އަޝްވިން ލޯހަނީ ވިދާޅުވީ މިއަދު ހިނގާ ދިޔަ ހާދިސާ މިހާރު ތަހިގީގު ކުރަމުންދާ ކަމަށެވެ. އަދި އެ ހާދިސާގައި މަރުވެ ދިޔަ އެއާ އިންޑިއާގެ މުވައްޒަފުގެ އާއިލާއަށް އަޝްވިން ވަނީ ތައުޒިޔާ ފޮނުވާފަ އެވެ.
"އެ ހަބަރު އަޑު އެހީ ވަރަށް ހިތާމަޔާއެކު. ކުއްލިއަކަށް ހިނގާދިޔަ ހާދިސާއެއް،" އަޝްވިން ވިދާޅުވި އެވެ.
އެއާޕޯޓު އޮފިޝަލަކާ ހަވާލާދީ ހިންދުސްތާން ޓައިމްސްގައި ބުނެފައިވާ ގޮތުން އިންޖީނު ތެރެއަށް ދަމައިގެން މީހާގެ ހަށިގަނޑު އަދިވެސް އޮތީ އިންޖީނު ތެރޭގައި ތާށިވެފަ އެވެ. އިންޖީނާ ކައިރިއަށް ޓެކްނިޝަނު ދިޔައީ ކީއްކުރަން ކަން އަދި ސާފު ނުވާ ކަމަށް ވެސް އެ ނޫހުގަިއ ބުނެފައިވެ އެވެ.