ގދ. ގައްދޫ ޕޮލިސް ސްޓޭޝަން ކުރިން ހިންގި އިމާރާތުގެ ބަދަލު ނަގައިިދެވެން ނެތް ކަމަށް ބުނެ ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ފުލުހުންނާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވަނީ ގައްދޫ ޕޮލިސް ސްޓޭޝަން ކުރިން ހިންގި ގޭގެ ވެރިފަރާތް ކަމަށް މުހައްމަދު މަނިކު އެވެ. އެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ތަން ދޫކޮށްލުމަށް ތިން މަހުގެ ނޯޓިހެއް ފުލުހުން މުހައްމަދު މަނިކަށް ދިން ކަމަށެވެ.

އެގްރީމަންޓްގެ މުއްދަތު ހަމަވެ، 25 މެއި 2008ގައި ތަން ދުކޮށްލި އިރު، ތަނަށާއި ތަކެއްޗަށް ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބިފައިވާ ކަމަށް ބުނެ މުހައްމަދު މަނިކު ތަނާ ހަވާލު ވެފައި ނުވާކަން އެނގެން އޮންނަ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ. އަދި ތަނަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގައި ޕޮލިސް ސާވިސްގެ ފަރާތުން 97020 ރުފިޔާ 19 ޖެނުއަރީ 2009 ވަނަ ދުވަހު މުހައްމަދަށް ދީފައިވާ ކަންވެސް އޭނާގެ ބަހުން އެނގޭކަމަށް ހުކުމުގައިވެ އެވެ.

ތަން ހަވާލުކުރުން ނޯޓިސް ދިން މުއްދަތު ހަމަވި ތާރީހުން ފެށިގެން މުހައްމަދު ތަނާ ހަވާލުވި 19 ޖެނުއަރީ 2009 ވަނަ ދުވަހާ ހަމައަށް ތަނުގެ ކުއްޔަށްވާ ފައިސާ ފުލުހުން އަތުން ނަގައިދެން އެދުނު ނަމަވެސް އެ ފައިސާ ނަގައިދެވެން ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އެމައްސަލަ މުހައްމަދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ އިރު ކޯޓުން ވަނީ މިހާރު އެ މައްސަލަ ބަލައިގެންފަ އެވެ.