16 Dec 2015, 22:03
ދިވެހި ސަރުކާރާ ގުޅުން އޮންނަ ދިވެހި ވިޔަފާރިވެރިންގެ މުދާ އީޔޫގެ މެމްބަރު ގައުމުތަކުން ހިފަހައްޓުމަށް އެ ގައުމުތަކަށް ގޮވާލާ ގަރާރެއް އީޔޫ ޕާލިމެންޓަށް ހުށަހަޅައިފި އެވެ.
އީޔޫ ޕާލިންޓަށް ހުށަހެޅި އެ ގަރާރުގައި އެގޮތަށް ގޮވާލާފައި ވަނީ އިންސާނީ ހައްގުތަކާ ހިލާފަށް ރާއްޖޭގައި ހިނގާ ކަންކަން އިތުރަށް ގޯސްވަމުންދާތީ ކަމަށް ވަނީ ބުނެފަ އެވެ. އިންސާފުން ބޭރުން ކުރެވޭ ޝަރީއަތްތައް ހުއްޓާލުމަށާއި ހާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ގާނޫނީ ތަރަހައިގެ ތެރެއިން ޝަރީއަތް ހިންގުމަށް ގަރާރުގައި ވަނީ ގޮވާލާފަ އެވެ.
ސިވިލް ކޯޓުގައި ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހު ރައީސް ނަޝީދު ކަރެކްޝަނަލް ސާވިސްގެ ލޯންޗަށް އަރުވަނީ ---- ސަން ފޮޓޯ: އަލީ ނަސީރު
އީޔޫ ޕާލިމެންޓަށް ހުށަހެޅި އެ ގަރާރާ ގުޅިގެން މިއަދު ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔޫނިއަންގެ ޕާލަމަންޓްގެ ތެރެއިން ރާއްޖެއާ ދެކޮޅަށް ދެވަނަ ގަރާރެއް ފާސްކުރުމަށް ޓަކައި އެ ޕާލަމަންޓްގައި ހިމެނޭ ޔޫރަޕިއަން ކޮންސަވޭޓިވްސް އެންޑް ރިފޯމިސްޓްސް ޕާޓީގެ މެމްބަރުންނާއި ކްރިސްޓިއަން ޑިމޮކްރެޓުންގެ މެމްބަރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
"ރާއްޖެ އާ ބެހޭ ގޮތުން ހުށަހަޅާފައިވާ ގަރާރަކީ، މި އަހަރުގެ އޭޕްރީލް މަހު ޔޫރަޕިއަން ޔޫނިއަން ޕާލަމަންޓް އިން ފާސްކޮށްފައިވާ ގަރާރެކޭ އެއްފަދައިން ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމުތަކުން އަމަލުކުރުން ލާޒިމު ނުވާ ގަރާރެއް،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

27، ނޮވެމްބަރ 2015: އެމްޑީޕީ އިސްނަގައިގެން "މިންޖުވާން" ނަމުގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
ގަރާރާ ގުޅޭ ކަންކަން ޔޫރަޕިއަން ޔޫނިއަންގެ އެމްބަސީއާ ގުޅިގެން ފޮރިން މިނިސްޓްރީ އިން ކުރިއަށްދާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.
ގަރާރުގައި އިތުރަށް ބުނެފައި ވަނީ ސުލްހަވެރި މުޒާހާރާ ކުރުމަށް ޒަމާނީ ޑިމޮކްރަސީއާ އެއްގޮތަށް ރައްޔިތުންނަށް ފުރުސަތު ދިނުމަށް ގޮވާލައިފަ އެވެ. އަދި ސުލްހަވެރި މުޒާހަރާތައް ހުއްޓުވުމުގެ ބަދަލުގައި ގޭންގުތަކުން ހިންގާ ނޭދެވޭ ކަންކަން ހުއްޓުވުމަށް ހަނދާންކޮށްދިނުން ވެސް ގަރާރުގައި ހިމަނާފައިވެ އެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމަށް ރާއްޖެ އިން މިހާރު ތައްޔާރުވަމުން ދާއިރު އެކަން ވެސް ހުއްޓާލުމަށް ގަރާރުގައި ގޮވާލާފައިވެ އެވެ.