ޑޮލަރު ވިއްކާ ރަސްމީ ރޭޓް ކުރިން ކަޅު ބާޒާރުގައި އޮތް ރޭޓަށް ގާތްގަނޑަކަށް ފައްތާލުމާ އެކު ބާޒާރުގައި ތަކެތީގެ އަގުތަކަށް ވެސް ބަދަލު ގެންނަން ފަށައިފި އެވެ.

ޑޮލަރުގެ އަގު އުފުލުމާ ގުޅިގެން ތަކެތީގެ އަގަށް އެއްވެސް ބަދަލެއް އައިސްފައި ވޭތޯ އަހާލުމުން ގިނަ ބާވަތްތަކެއްގެ މުދާ ހޯލްސޭލްކުރާ ފިހާރައެއް ކަމަށްވާ ލަގްޒަރީ ޝޮޕިން ކޮމްޕްލެކްސްގެ ވެރިޔާ ޙުސައިން އިބުރާހީމް މިއަދު ވިދާޅުވީ ބައެއް ބާވަތްތަކުގެ މުދަލުގެ އަގަށް މިހާރު ވަނީ ރުފިޔާއެއް ނުވަތަ ދެ ރުފިޔާވަރު އިތުރުކޮށްފައި ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ތަކެތީގެ އަގު މާ ބޮޑުވިޔަނުދީ ހިފެހެއްޓޭތޯ. އެކަމަކު ޑޮލަރު އަގު ބޮޑުވުމުން އެހެން ގޮތެއް ނެތިގެން ބައެއް ތަކެތީގެ އަގުން މިހާރު މިހިރީ ރުފިޔާ، ދެ ރުފިޔާ ޖައްސާލާފައި،" ޙުސައިން އިބުރާހީމް ވިދާޅުވި އެވެ.

ޑޮލަރުގެ އަގަށް އައި ބަދަލާ ގުޅިގެން ތަކެތީގެ އަގަށް އަދި މާ ބޮޑު ބަދަލެއް އައިސްފައި ނެތް ކަމަށް ބައެއް ހޯލްސޭލް ފިހާރަތަކުން ބުންޏަސް، އެ ތަންތަނުން ބުނީ އަދި އަގަށް ބަދަލު އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ތަކެތީގެ އަގަށް އަދި އެއްވެސް ބަދަލެއް ނާދޭ. އެކަމަކު އަގަށް ބަދަލު އަންނާނެ ކަމަށް ބެލެވެނީ،" އޭޝިޔާ ހައުސް އޮފް ސޭލް އިން ވާހަކަ ދެއްކެވި ނަން ހާމަ ނުކުރާ ސޭޓަކު ބުންޏެވެ.

ހޯލް ސޭލް ފިހާރަތައް ކަމަށްވާ ފެންޓަސީ އާއި ލިލީ ސްޓޯރުން ވެސް ބުނީ އެތަންތަނުން ވިއްކާ ތަކެތީގެ އަގަށް އަދި ބަދަލެއް ނައި ކަމުގައި ވިޔަސް ބަދަލު އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

މާލެތެރޭގައި ހުރި ބައެއް ކުދި ފިހާރަތަކުގެ ސޭޓުން ބުނީ ތަކެތީގެ އަގަށް ބަދަލު ގެންނަން ވިސްނަމުންދާ ކަމަށާއި އެހެން ނަމަވެސް ބޭންކުން ޑޮލަރު ލިބޭ ރޭޓް އަދި ކަށަވަރު ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ޓީވީން ބަލަން އިން ސޭޓަކު ބުނީ މިހާރު ކުރިއަށް އެދާ ޖަލްސާގައި މެމްބަރުން ދައްކަވަމުން އެގެންދަވާ ވާހަކަފުޅުގެ ސަބަބުން ޑޮލަރުގެ އަގަށް ބޭންކުން ބަދަލެއް ގެނެސްފިކަން ނުވަތަ ނޫންކަން ވެސް އޭނާ އަށް ކަށަވަރު ނުކުރެވިގެން އުޅޭ ކަމަށެވެ.

"މިހާރު މެމްބަރުން އެ ދައްކަވާ ވާހަކަފުޅުގެ ސަބަބުން އަޅުގަނޑު މިއިންނަނީ ބޭންކުން ޑޮލަރު ލިބޭ އަގެއް ވެސް ކަށަވަރު ނުވެފައި. ބޭންކުން ޑޮލަރު އަގުބޮޑުކޮށް ވިއްކާ ނަމަ ތަކެތީގެ އަގަށް ބަދަލު ނުގެނެސް އަޅުގަނޑުމެންނަކަށް ވިޔަފާރިއެއް ނުކުރެވޭނެ." ކަންމަތީ ފިހާރައެއް ހިންގާ އަލިބެ ބުންޏެވެ.
ގިނަ ވިޔަފާރިވެރިން ބުނީ ތަކެތީގެ އަގަށް ބަދަލު ގެންނާނެ ކަމަށާއި ނަމަވެސް އެކަމަށް ގޮތެއް ނިންމަން އަދި މާ އަވަސް ކަމަށެވެ.