ޝެރި ސެލޫން މީގެ ކުރިން ހިންގަމުން ދިޔަ ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) އިމާރާތުގެ ހަތްވަނަ ފަންގި ފިލާއަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭ 100،000 އަށް ވުރެ ގިނަ ރުފިޔާ ދައްކަން ޝެރީ ސެލޫންގެ ވެރި މީހާ ޝާއިރާ ސަލީމްގެ މައްޗަށް ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ ޝެރީ ހިންގަމުން ދިޔަ ޝީގެ ހަތްވަނަ ފަންގި ފިލާގެ ތަޅުދަނޑި ހަވާލު ކުރި އިރު ނުދައްކާ ހުރި ދެ މަހާއި 29 ދުވަހަށް ދައްކަން ޖެހޭ ކުލި ނުދައްކާތީ ޝީގެ ފަރާތުން އެފައިސާ ހޯދުމަށް ދައުވާ ކުރުމުންނެވެ.

މައްސަލަ ނިންމައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ 103،833 ރުފިޔާ ޝާއިރާގެ ފަރާތުން ޝީއަށް ދައްކަން ޖެހޭކަން މުސްތަނަދު ތަކުންނާއި ދެފަރާތުގެ ބަހުން ސާބިތުވާ ކަމަށެވެ. އެހެންކަމުން އެފައިސާ އިއްޔެއިން ފެށިގެން މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ޝާއިރާގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ.

ޝެރީ ސެލޫން ހިންގުމަށް ޝާއިރާ އާއެކު ޝީއިން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކުލި ނުދައްކާތީ އެ އެއްބަސްވުން ސިވިލް ކޯޓުން ބާތިލުކޮށްފައި ވަނީ މިދިއަ މަހު އޮކްޓޫމަރު މަހު އެވެ. އަދި އޭރު ސިވިލް ކޯޓުން އެތަން ޝީ އާ ހަވާލުކުރަން ޝާއިރާއަށް ވަނީ އަންގާފަ އެވެ. ނަމަވެސް އެތަން ޝީ އާ ހަވާލުކޮށްފައި ވަނީ މިއަހަރު ފެބުރުއަރީ މަހުގެ ތެރޭގަ އެވެ.

ޝެރީ ސެލޫން މިހާރު ހިންގަމުން އަންނަނީ ސޯސަންމަގުގައި ހުއްނަ އިމާރާތެއްގަ އެވެ.