16 Dec 2015, 19:37
ސާފް ސުޒުކީ ކަޕަށް ތައްޔާރުވުމަށް މިހާރު މެލޭޝިޔާގައި ތަމްރީން ހަދަމުންދާ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ކުޅުނު ދެވަނަ މެޗުން 0-2 ގެ ނަތީޖާއަކުން އެއާ އޭޝިޔާގެ މައްޗަށް ކުރި ހޯދައިފިއެވެ.
މެލޭޝިއާ އަށް ގޮސް ގައުމީ ޓީމް ކުޅުނު ފުރަތަމަ މެޗުން 2-5 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް މިއަދުގެ މެޗްގައި ގައުމީ ޓީމްގެ ފަރާތުނެ ފެނިފައިވަނީ މޮޅު ކުޅުމެކެވެ.
ފުރަތަމަ މެޗަށް ފަހު ވާހަކަ ދައްކަމުން ގައުމީ ކޯޗް ރިކީ ހާބަޓް ބުނީ ދަތުރު ވަރިބަލި ވެފައި ހުރެ އެއްވެސް އަރާމް ކުރުމެއް ނެތި ރާއްޖޭގެ ޓީމްގެ ފަރާތުން ފެނުނު ކުޅުމަށް އެއް ވެސް ވަރަކަށް ޝަކުވާ ކުރާކަށް ބޭނުންނޫން ކަމަށެވެ. އަދި ކުރިއަތް އޮތްތާންގައި ޓީމްގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދާނެ ކަމަށް ވެސް ކޯޗު ބުންޏެވެ.
މިއަދު ކުޅުނު މެޗްގައި މެލޭޝިއާގެ ދެވަނަ ޑިވިޝަނުގެ ޓީމެއް ކަމަށް ވާ އެއާ އޭޝިއާ ކޮޅަށް ރާއްޖޭގެ ލަނޑުތައް ޖެހީ ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަނގަޑޭ) އާއި އަހްމަދު އިމާޒް (އާއްކޮ) އެވެ. ދަނގަޑޭގެ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބު ކުރި ގޯލެކެވެ.
ކުރިން ފަސް މެޗު ކުޅެން ނިންމާފަވީ ނަމަވެސް މިހާރު ކުޅޭނީ ހަތަރު މެޗެވެ. ކުރިއަށް އޮތް ދެ މެޗް ކުޅެވޭނީ ބުރާސްފަތި އަދި ހުކުރު ދުވަހު އެވެ.
ގައުމީ ސްކޮޑަށް މިފަހަރު ނެގި 30 ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިއަކު ވަނީ ގައުމީ ސްކޮޑުން ބައިކީ ކޮށްފައެވެ. އޭގެ ތެރޭގައި މާލޭގައި ކުރިއަށްގެންދިޔަ ޕްރެކްޓިސްތަކުގައި ބައިވެރިނުވުމުގެ ސަބަބުން އެއް ކުޅުންތެރިއަކު ވަކިކުރި އިރު އަނިޔާގެ ސަބަބުން މުހައްމަދު އިރުފާން ވަނީ ސްކޮޑުން ބާކީ ކުރަންޖެހިފައެވެ.
އެހެން ކަމުން ކޯޗުވަނީ ޒުވާން ދެ ކުޅުންތެރިއަކަށް ޓްރެއިނިންގ ކޭމްޕްގައި ފުރުސަތު ދީފައެވެ. އެއީ ޓީސީގެ ޒުވާން ފޯވާޑް އިބްރާހިމް ވަހީދު އަދި ނިއުރޭޑިއަންޓްގެ އާދަމް އިޝާމެވެ.
ގައުމީ ސްކޮޑް މިފަހަރު ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނޭއިރު، ކޯޗުވަނީ އަންނަ އަހަރު އޮތް ސާފް ގޭމްސްއަށް ތައްޔާރުވާން މި ކޭމްޕްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޒުވާން ކުޅުންތެރިންނަށް ގޮވާލާފައެވެ.
ކޯޗު ބުނީ ގިނަ ކުޅުންތެރިންތަކެއް ތިބި ސްކޮޑަކުން އޭނާ ބޭނުންވާ ފެންވަރުގެ ރަނގަޅު ޓީމެއް ނަގަން ފަސޭހަ ވާނެ ކަމަށާއި އަދި ޒުވާން ގިނަ ކުޅުންތެރިން ތަކެއް ހިމެނިފައިވާތީވެ މުސްތަގްބަލްގައި ރަނގަޅު ޓީމެއް އުފައްދަން ވެސް ފަސޭހަ ވާނޭ ކަމަށެވެ.
މެލޭޝިއާގައި ތަމްރީންތައް ފުރިހަމަ ކުރުމަށް ފަހު ގައުމީ ޓީމު އެނބުރި މާލެ އަންނާނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އަދި 23 ވަނަ ދުވަހު ފަށާ ސާފް ސުޒުކީ ކަޕަށް ގައިމީ ޓީމްގެ ފައިނަލް ސްކޮޑާ އެކު އޭގެކުރީ ދުވަހު އިންޑިއާގެ ޓްރިވެންޑްރަމަށް ފުރާނެ އެވެ.
އެ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ 24 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށެވެ.