ޕިރަމިޑް ސުކީމުތައް ހިންގައި ޕްރޮމޯޓު ކުރުމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުން މިހާރު ތިބީ ގޭބަންދަށް ބަދަލުކޮށްފައި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ ޕިރަމިޑް ސްކީމުތައް ހިންގާ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ފުލުހުން ހައްޔަރު ކުރި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ފުލުހުން ބުންޏެވެ. އެމީހުން ހައްޔަރު ކުރި ވަކި ތާރީހެއް ފުލުހުން ނުބުނެ އެވެ.

"ހަތަރު މީހުންގެ ތެރެއިން އެކަކު ކޯޓުން މިހާރު ވަނީ ދޫކޮށްލާފައި. އޭނާ ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދެނެ ކަމަށް ބުނުމުން. ތަހުގީގު ވަރަށް ބާރަށް ކުރިއަށް ދަނީ" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

މިހާރު ގޭބަންދުގައި ތިބީ ފިރިހެންކާއި ދެ އަންހެނުން ކަމަށާއި އޭގެތެރޭގައި ބިދޭސީ އަންހެނެއްވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން ދިވެހި މީހާގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް މިހާރު އިތުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޕިރަމިޑް ސްކީމުތައް ހިންގާ ޕްރޮމޯޓު ކުރުމާއި އެފަދަ ސްކީމުތަކުގައި ބައިވެރިވެ ފައިސާ ހޭދަކުރުމަކީ ޖިނާއީ ކުށްތަކުގެ ތެރެއިން ކުށެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ބުނެފަ އެވެ.

"ޕިރަމިޑް ސްކީމަކީ މާކެޓިން ނުވަތަ އިންވެސްޓުމަންޓު ނަމުގައި ފަސޭހައިން އާމްދަނީ ލިބޭނެ ކަމަށް ބުނެ ވައުދުވެ އޮޅުވާލައިގެން ހިންގާ މަކަރާއި ހީލަތުގެ އަމަލުތަކެކެވެ. މިފަދަ ސްކީމްތައް ހިންގާ ފަރާތްތަކުން އެފަރާތްތަކުގެ ހަގީގީ މަގްސަދު އޮޅުވާލުމަށް ކޮންމެވެސް ކަހަލަ މުދަލެއް ނުވަތަ ހިދުމަތެއް ވިއްކުމަށް މީހުންނަށް ހުށަހަޅައި، އޭޖެންޓް ނެޓްވޯކެއް މެދުވެރިކޮށް މާކެޓް ކުރެވި އެ ސްކީމުގެ ތެރެއަށް މީހުން ޝައުގުވެރި ކުރުވަ އެވެ،" އެމްއެމްއޭ އިން ބުނެފައިވެ އެވެ.

ޕިރަމިޑް ސްކީމްތައް ހިންގަ ޕްރޮމޯޓް ކުރުން ބޭންކިން ގާނޫނުގައިވެސް ވަނީ ކުށެއް ކަމަށް ކަނޑައަޅާފަ އެވެ.