16 Dec 2015, 18:06
އައްޑޫ ހިތަދޫ ޕޮލިސް ސްޓޭޝަން މަރާމާތުކުރަން އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓް އާއި މޯލްޑިވްސް ޕޮލިސް ސާވިސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއަދި މެންދުރުފަހު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދުއެވެ. އުހުދު އިންވެސްޓްމަންޓްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޢީމްއެވެ.
އެ އެބަސްވުމުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ އިމާރާތް މަރާމާތުކޮށް ވަސީލަތްތައް ޤާއިމްކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ. އަދި މަރާމާތަށް ފަހު ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރިން ދެމުންއައި ޚިދުމަތްތަކަށްވުރެ ރަނގަޅު ޚިދުމަތްތަކެއް ދެވިގެންދާނެ ކަމަށާއި މަރާމާތުގެ މަސައްކަތް ނިމިގެންދާއިރު ހިތަދޫ ޕޮލިސް ސްޓޭޝަނުން ފޮރެންސިކް ލެބޯޓްރީގެ ޚިދުމަތްތައްވެސް ފެށޭނެ ކަމަށް ފުލުހުން ބުންޏެވެ.
ހިތަދޫ ޕޮލިސް ސްޓޭޝަން މަރާމާތުކުރުމަށް 3.6 މިލިއަން ރުފިޔާ ހަރަދުވާއިރު މިއަދު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށާތާ 100 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށްވަނީ ހަމަޖެހިފައެވެ.
ފެބުރުއަރީ 2012 ވަނަ އަހަރު ބަޔަކު ހުޅުޖެހި ހާދިސާގައި ހިތަދޫ ޕޮލިސް ސްޓޭޝަނަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.