ސުޕްރީމް ކޯޓުން މައްސަލަ ނިމެންދެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމަށް ކޮންމެ ދުވަހަކު އެމަނިކުފާނާ ބައްދަލުކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ވަނީ އެގޮތަށް ހަމަޖެއްސެވީ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށެވެ.

ރައީސް ނަޝީދުގެ މައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފުކޮށްފައި ވަނިކޮށް، ރައީސް ނަޝީދު ވެސް ވަނީ އެ މައްސަލަ އިސްތިއުނާފު ކުރަން ނިންމާފައެވެ.

ރައީސް ނަޝީދު އެ މައްސަލަ އިސްތިއުނާފު ކުރަން ނިންމީ، އެއީ ދައުލަތުން ކުރަންޖެހޭ ކަމެއްކަމަށް މީގެކުރިން އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވެފައި ވަނިކޮށެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނުގެ ގާނޫނީ ވަކީލު ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދާ ބައްދަލުކުރަން މިހާރު ލިބެނީ ދެގަޑިއިރުގެ ވަގުތެއް ކަމަށެވެ. އެހެންވުމުގެ ސަބަބުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުން ލަަސްވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މައްސަލަ ނިމެންދެން ކޮންމެ ދުވަހަކު ރައީސް ނަޝީދާ ބައްދަލުކުރެވޭ ގޮތަށް ހޯމް މިނިސްޓަރު ހަމަޖެއްސެވީ އެމަނިކުފާނާ ބައްދަލުކުރެވޭ މުއްދަތު އިތުރުކޮށްދިނުމަށް ގާނޫނީ ޓީމުން އެދިފައިވަނިކޮށެވެ.