11 Apr 2011, 11:32
ހިޔާނާތަށް މަގުފަހިވާ ގޮތަށް ކަންތައްތައް ކުރިއަށް ގެންގޮސްފައިވާ ކަމުގެ ތުހުމަތުގައި ކުރިއަށް ނުގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން އަންގާފައިވާ އިމިގްރޭޝަންގެ 500 މިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މައްސަލައިގައި އަމަލުކުރަންވީ ގޮތުގެ ލަފާ މި ހަފުތާގައި އަރުވާނެ ކަމަށް ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަންއަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ، މެލޭޝިޔާގެ ނެކްސްބިޒްއާ އިމިގްރޭޝަނުން ހަވާލުކޮށްފައިވާ ޕްރޮޖެކްޓް ހުއްޓާލަން އޭސީސީން އަންގައިފައިވާ އެންގުމާ ގުޅިގެން އަމަލުކުރާނެ ވަކި ގޮތަކާ ގުޅޭ ގާނޫނީ ލަފައަކަށް އިމިގްރޭޝަނުން އެދިފައިވާތީ، އެ ލަފާ ދިނުމަށް، މައްސަލަ ދިރާސާކުރަމުން އަންނަ ކަމަށެވެ. އަދި އަންނަ ބުދަ ދުވަހުގެ ނިޔަލަށް އެ ލަފާ އެރުވޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"އޭސީސީ އާއި އިމިގްރޭޝަނާއި ފިނޭންސް މިނިސްޓްރީއާއެކީގައި ބޭއްވި ބައްދަލުވުމުގައި އެ މައްސަލަ އެބައޮތް ހުށަހަޅުއްވައިފަ. އެކަމާ ބެހޭ ގޮތުން ]ޕްރޮޖެކްޓް ކުރިއަށްގެންދިއުމާ ގުޅޭ ގޮތުން[ ކުރިއަށް ދާނެ ގޮތުގެ ލަފާއެއް އަރުވަން ޖެހޭ މި އޮފީހުން. އަޅުގަނޑުމެން މި ބަލަނީ އަންނަ ބުދަ ހިސާބުގަނޑުގައި އެކަމާ ގުޅޭ ގޮތުން ލަފައެއް އެރުވޭނެ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓް ބާތިލްކޮށްފިނަމަ ސަރުކާރުން ކިހާވަރެއްގެ ބުރައެއް އުފުލަން ޖެހިދާނެތޯ ދެންނެވުމުން މުއިއްޒު ވިދާޅުވީ، ދިވެހި ސަރުކާރާ ނެކްސްބިޒްއާ ކުރެވުނު އެގްރިމެންޓްގައި ޕްރޮޖެކްޓް ބާތިލުކުރުމުން ނުކުންނާނެ ނަތީޖާ ވަރަށް ރަނގަޅަށް ބަޔާންކޮށްފައިވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އޭސީސީގެ އެ ނިންމުމާ އެއްގޮތަށް، ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ ޕްރޮޖެކްޓް ހުއްޓާލަން ލަފާދެއްވާނަމަ، އެ އެ ލަފައެއް ދެއްވާނީ އެކަމުން "ނިކުންނާނެ ނަތީޖާއަށް" ރިއާޔަތްކުރުމަށްފަހު ކަމަށާއި އަދި ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ވެސް އެކަންތައް ގެންނަވާނެ ކަމަށެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، ނެކްސްބިޒްއާއެކު އެގްރިމެންޓުގައި ސޮއިކުރުމުގެ ކުރިން ބަންޑާރަ ނައިބު އޮފީހުގެ ލަފާ ވަނީ ހޯދައިފަ އެވެ. އަދި ބުނީ އެގްރިމެންޓުގައި ސޮއިކުރީ ވެސް އެ އޮފީހުގެ ހުއްދަ ލިބިގެން ކަމަށާއި ނެކްސްބިޒްއާއެކު ސޮއިކުރި އެގްރިމެންޓް ދިރާސާކުރެއްވީ އޭރު ސޮލިސިޓާ ޖެނެރަލަކަށް ހުންނެވި މިހާރު ބަންޑާރަ ނައިބު މުއިއްޒު ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީ އާއި އަދި އިމިގްރޭޝަނުން ވެސް ޕްރޮޖެކްޓް ބާތިލުނުކޮށް އިންތިޒާރުކުރަމުންދަނީ އޭޖީގެ އޮފީހުން ދޭ ލަފައަކަށެވެ.
އިމިގްރޭޝަނުން 37 މިލިއަން ޑޮލަރަށް މެލޭޝިޔާގެ ނެކްސްބިޒްއާ ހަވާލުކުރި ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް އޭސީސީން ޖެނުއަރީ 24، 2011 ގައި ހުއްޓާލަން އެންގުމުން އެ މައްސަލަ ވަރަށް ހޫނުވި އެވެ. އަދި ރައީސް މުހައްމަދު ނަޝީދު "ނާންގަވަނީސް އެ ޕްރޮޖެކްޓް ހުއްޓާ ނުލާނެ" ކަމަށް އޭރުގެ ކޮންޓްރޯލާ އިލްޔާސް ހުސެއިން އިބްރާހިމް ވިދާޅުވަމުންގެންދަވަނިކޮށް، އޭސީސީގެ ނިންމުމަށް އަމަލުކުރުމަށް ރައީސް އެންގެވުމުން އިމިގްރޭޝަނުން އެންމެފަހުން އެ ޕްރޮޖެކްޓް ހުއްޓާލީ އެވެ.
އަދި އޭގެ ދުވަސްކޮޅެއް ފަހުން ރައީސް ވަނީ ކޮންޓްރޯލާގެ މަގާމުމް އިލްޔާސް ވަކިކުރެއްވުމަށްފަހު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވެސް ހަމަޖައްސެވި އެވެ.
އޭސީސީގެ ނިންމުމާ ގުޅިގެން އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ވަކިކޮޅެއްގައި ނުޖެހި ހުއްޓިފައި އޮތްއިރު، ކޮރަޕްޝަނުގެ ތުހުމަތުގައި އޭސީސީން މިއަހަރު ހުއްޓާލަން އެންގި ތިލަފުށި ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްއެބަދެ އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑާ ރީކޯ މޫސާ މަނިކުގެ ހެވީ ލޯޑް ކުންފުންޏާ އެ ޕްރޮޖެކްޓް ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް އޭސީސީން ކަނޑައަޅައިފައިވާ ނަމަވެސް، އެކަމުގައި ކޮރަޕްޝަން ނުހިމެނޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާތީ، އެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.