މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވާ ޕެރިސް އެއްބަސްވުމަކީ، އިންސާނުންނަށް ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ އެންމެ ބޮޑު އުއްމީދު ކަމުގައި ރައީސް އަބްދުﷲ ޔާމީން ސިފަ ކުރައްވައިފި އެވެ.

ރައީސް ޔާމީން މިއަދު ދެއްވި ބަޔާނުގައި ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔެއަށް ލިބެމުންދާ ގެއްލުންތަކާ ބެހޭ ގޮތުން 1987 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް، އެކުވެރި ދަޢުލަތްތަކުގެ މަޖިލީހުގައި ވާހަކަފުޅު ދައްކާފައިވާކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.

ނަމަވެސް އެ ދުވަސްވަރު އަޑުއުފުލާފައި ވަނީ މަދު ޤައުމަކުން ކަމާއި، މިއަދު ދުއިސައްތައެއްހާ ޤައުމުން ތިމާވެށި ރައްކާތެރި ކުރުމަށް ވެވޭ އެއްބަސްވުމުގައި ރާއްޖެއިން ބައިވެރިވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާ ކަމެއް ކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ގިނަ ބައިވެރިން އެކުލެވޭ މަޝްވަރާތަކުގައި ދަތި އުނދަގޫ ކަންކަމުގައި އެއްބަސްވުމަކާ ހަމަޔަށް ވާޞިލުވުމަށް އެހީތެރިވުމަކީ ރާއްޖޭގެ ސިޔާސަތު ކަމަށާއި ޕެރިހުގައި ބޭއްވި މަޝްވަރާތަކުން ދޭހަވަނީ ކުދި ޤައުމުތަކުން މައްސަލަތައް ކުރިޔަށް ނެރެ މަސައްކަތްކުރުމަކީ ޢާންމު ގޮންޖެހުންތަކަށް ޙައްލެއް ލިބިގެންދާނެ ކަމަކަށް ވެގެންދާނެ ކަމަށެވެ.

ޕެރިސް އެއްބަސްވުމަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެށްޓަށް ކުރިމަތިވާ ކިތަންމެ ކުޑަ ކަމަކުންވެސް އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ޤައުމު ކަމަށާއި އެންމެ ސެންޓިމީޓަރަށް ކަނޑުގެ ލޮނުގަނޑު އުފުލުނަސް ރާއްޖެ ފަދަ ތިރި ޖަޒީރާ ޤައުމުތަކަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތި ވެދާނެ ކަމުގެ ބިރު ހީވެފާވާ ކަމަށެވެ.

ރައީސްގެ ބަޔާނުގައި އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިގު އިބްރާހީމް އިސްވެ ހުންނަވައިގެން ކޮންފަރެންސް އޮފް ދަ ޕާޓީސްގެ ބައްދަލުވުމުގައި ދިވެހި ވަފްދުގެ ފަރާތުން ތިރި ޖަޒީރާ ޤައުމުތަކުގެ ދިފާޢުގައި ކުރެއްވި ބުރަ މަސައްކަތައް ވަނީ ތައުރީފު ކުރައްވާފައެވެ.