ރިޔާޒް (ޑިސެމްބަރު 16) : ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އެކުލަވާލި އިސްލާމީ ގައުމުތަކުގެ ޢަސްކަރީ އެލަޔަންސުން ހަނގުރާމަކުރާނީ ހަމައެކަނި އައިއެސް ޖަމާއަތާ ދެކޮޅަށް ނޫންކަމަށާއި ޓެރަރަރިސްޓް ހުރިހާ ޖަމާއަތްތަކަކާ ދެކޮޅަށްވެސް އެއެލަޔަންސުން ހަނގުރާމަ ކުރާނެކަމަށް ސައޫދީ ރަސްގެފާނުގެ ފިރިހެން ދަރިފުޅު ކަމަށްވާ އެގައުމުގެ ވަލީއުލްއަހްދުގެ ނައިބު އަދި ދިފާއީ ވަޒީރު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ.

ރިޔާޒް ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުހައްމަދު ބިން ސަލްމާން ވިދާޅުވީ ރިޔާޒްގައި ހުންނަ މިއެލަޔަންސްގެ އޮޕަރޭޝަން ކޮމާންޑް ސެންޓަރުން ޓެރަރިޒަމާ ދެކޮޅަށް ބޭނުންކުރާނެ ޕްލޭންތައް އެކަށައަޅައި ވަސީލަތްތައް ތަރައްގީކުރުމަށް މިހާރުން ފެށިގެން މަސައްކަތް ކުރަމުން ގެންދާކަމުގައެވެ. އެހެން ޓެރަރިސްޓް ޖަމާއަތްތަކަށް ކަމަށް ވިދާޅުވެ މުހައްމަދު ބިން ސަލްމާން މިއިޝާރާތް ކުރައްވަނީ ޔަމަންގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ އެގައުމުގެ ހޫޘީ ޖަމާއަތާއި ޔަމަންގެ ރައީސް އަލީ އަބްދުﷲ ސާލިޙްގެ ބާރުތަކަށް ކަމަށް މުރާސިލުން ބުނެއެވެ.

ހޫޘީ ޖަމާއަތާއި ސާލިހްގެ ބާރުތަކަކީ ޔަމަންގައި އޮންނަ ސައޫދީންނަށް ތާއީދުކުރާ އަބްދުރައްބު މަންސޫރު ހާދީގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތް ތަކަކަށްވާތީ ސައޫދީ ސަރުކާރުން މިދެޖަމާއަތްވެސް ސިފަކުރަނީ ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައެވެ. ހާދީގެ ސަރުކާރު ވެއްޓުމުން ސަލާމަތް ކުރުމަށްޓަކައި ހުޘީންނާއި ސާލިހްގެ ބާރުތަކާ ދެކޮޅަށް ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެންމިއަހަރުގެ ކުރީކޮޅު ވަނީ އަސްކަރީ ގޮތުން ޔަމަނަށް ވަދެގަންފައެވެ.

މީގެއިތުރުން އީރާނުގެ މަދަދުލިބޭ އަދި އިސްރާއީލާ ދެކޮޅަށް ކުރިން ވަރުގަދަ ޖިހާދެއކުރި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަކީ ކުރިން ސައޫދީންގެ ތާއީދު ލިބިފައިވާ ޖަމާއަތެއް ކަމަށް ވިޔަސް ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ދިފާއުގައި އެޖަމާއަތް ހަނގުރާމަ ކުރަންފެށުމާއެކު ސައޫދީ ސަރުކާރުން ވަނީ ހިޒްބުﷲ އަކީވެސް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސިފަކުރަން ފަށާފައެވެ.

އަނެއްކޮޅުން ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު ވަނީ ޓެރަރިޒަމާ ހަނގުރާމަ ކުރުމަށްޓަކައި އިސްލާމީ ގައުމުތަކުގެ އެލަޔަންސުން ގުޅިފައިވާ ސިފައިންގެ ލަޝްކަރެއް ނެރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ނަމަވެސް ބިންމަތީގައި ހަނގުރާމަކުރާނެ ލަޝްކަރެއް މިއެލަޔަންސުން ނެރޭނީ އެފަދަ ޙާލަތެއް މެދުވެރިވުމުން ކަމަށް ޖުބައިރު ވިދާޅުވިއެވެ.

ޓެރަރިޒަމާ ހަނގުރާމަ ކުރުމަށްޓަކައި ސައޫދީ އަރަބިޔާގެ އަސްކަރީ ކޮމާންޑްގެ ދަށުން އިސްލާމީ ތިރީސް ހަތަރު ގައުމެއް ގުޅިގެން އެކުލަވާލި އަސްކަރީ އެލަޔަންސްގައި ދިވެހިރާއްޖެވެސް ހިމެނޭކަމަށް އެކަމާބެހޭގޮތުން ސައޫދީ ސަރުކާރުން ނެރުނު ބަޔާން ބުނެއެވެ.

ދިވެހިރާއްޖެއާއި ސައޫދީ އަރަބިޔާގެ އިތުރުން މިއެލަޔަންސްގައި ހިމެނޭ އެހެން ގައުމުތަކަކީ އުރުދުން، ޔޫއޭއީ، ޕާކިސްތާން، ބަހްރައިން، ބަންގްލަދޭޝް، ބެނިޔަން، ތުރުކީ، ޓޯގޯ، ޖިބޫތީ، ސެނެގޯލް، ސޫދާން، ސިރަލިޔޯން، ސޮމާލިޔާ، ގެބޯން، ގިނީ، ފަލަސްތީން، ކޮމޯރޯސް، ގަތަރު، ކުވައިތު، ލުބްނާން، ލީބިޔާ، ދިވެހިރާއްޖެ، މެލޭޝިޔާ، މިސްރު، މާލީ، މޮރޮކޯ، މޮރޮޓޭނިޔާ، ނައިޖަރު، ނައިޖީރިޔާ، ޔަމަން، ޔުގަންޑާ އަދި ޗާޑްއެވެ. މިގައުމުތަކުގެ ތެރޭގައި ގިނައީ އިސްލާމީ ފަގީރު ކުދި ގައުމުތަކެވެ.


ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު ވިދާޅުވީ މިއީ މިހާ ގިނައަދަދެއްގެ އިސްލާމީ ގައުމުތައް ހިމެނޭގޮތަށް އެކުލަވާލި އަސްކަރީ ފުރަތަމަ އެލަޔަންސް ކަމުގައެވެ. މިއެލަޔަންސުން ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ޓެރަރިސްޓުންގެ ހަރަކާތްތަކާއި ޓެރަރިޒަމާބެހޭ މައުލޫމާތު އެލަޔަންސްގެ ގައުމުތަކުގެ މެދުގައި ބަދަލުކުރުމާއި ކޮންމެ ގައުމެއްގެ ސިފައިންގެ ތެރެއިންވެސް ބަޔަކަށް ޓެރަރިޒަމާ ހަނގުރާމަ ކުރާނެ ގޮތުގެ ތަމްރީންދިނުމާއި ހަތިޔާރާއި އަސްކަރީ ސާމާނު ފޯރުކޮށްދިނުން ހިމެނޭކަމަށް ޖުބައިރު ވިދާޅުވިއެވެ. އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ގައުމުތަކުންވަނީ ސައޫދީ ކޮމާންޑްގެ ދަށުން އެކުލަވާލި މި އެލަޔަންސަށް މަރްހަބާ ކިޔައި ތާއީދުކޮށްފައެވެ.

އެމެރިކާގެ ދިފާއީ ވަޒީރު އޭޝްޓަން ކާޓަރު ވިދާޅުވީ އައިއެސް ޖަމާއަތާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ސުންނީ މުސްލިމް ގައުމުތަކުގެ ދައުރު ފުޅާކުރުމަށް އެމެރިކާ އަބަދުވެސް ގޮވާލަމުން ގެންދާކަމަށާ މިއީ އެމެރިކާގެ ގޮވާލުންތަކަށް އިޖާބަ ދޭފަދަ އެލަޔަންސަކަށް ވެގެންދާނެކަމުގައެވެ. ޔަމަންއަށް އަސްކަރީ ގޮތުން ވަދެގަތުމަށް ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އެކުލަވާލި އަސްކަރީ އެލަޔަންސްގެ ކޮމާންޑްވެސް އޮންނަނީ ސައޫދީ ސިފައިންގެ ލަޝްކަރުތަކާ ޙަވާލުކޮށްފައެވެ.

ނަމަވެސް ރިޕޯޓްތައް ބުނާގޮތުން އެ އެލަޔަންސުން ޔަމަން ހަނގުރާމައިގާ ހިންގާ އަސްކަރީ ހުރިހާ އޮޕަރޭޝަނެއް ތަކެއް ފަންނީ ގޮތުން ހިންގަމުން ގެންދަނީ އެމެރިކާގެ އަސްކަރީ ޖެނެރަލުންނާއި ކޮމާންޑަރުންނެވެ.

ސައޫދީ އަރަބިޔާއާއި ގަލްފުގެ އަރަބި ގައުމުތަކަކީ އެގައުމުތަކުގެ އަވަށްޓެރި އީރާނާއި އިރާގާއި ސޫރިޔާފަދަ ހަނގުރާމައިގެ ތަޖްރިބާތަކާއި ހުނަރުތައް ލިބިފައިވާ ގައުމުތަކެއްނޫނެވެ.

ނަމަވެސް ގަލްފުގެ އަރަބި ގައުމުތަކަކީ އެމެރިކާގެ ޒަމާނީ ހަތިޔާރުތައް ގަތުމުގެ މާލީ ގާބިލްކަން ލިބިފައިވާ ގައުމުތަކަކަށްވާތީ އެގައުމުތަކުގައި އެމެރިކާގެ ޒަމާނީ ހަތިޔާތުތައް އެބަހުއްޓެވެ. ނަމަވެސް ބޮޑެތި ހަނގުރާމަތައް ލީޑްކޮށް ކޮމާންޑް ކުރުމުގެ އަސްކަރީ ފަންނީ ގާބިލްކަން ސައޫދީ އަރަބިޔާގެ އިތުރުން ގަލްފުގެ އަރަބި އެހެން ގައުމުތަކުގައިވެސް ވަރަށް ކުޑަކަމަށް އަސްކަރީ ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)