ރާއްޖޭގެ އެކި ސްކޫލުތަކުން 150 ގަލް ގައިޑުންނާ އެކު ގާލްގައިޑް އެސޯސިއޭޝަނުން ބާއްވާ "އެންވަޔަރަމަންޓް ކޭމްޕް" އޭދަފުށީގައި ފަށައިފި އެވެ.

ކޭމްޕުގައި ބައިވެރިވުމަށް ދަރިވަރުން އޭދަފުއްޓަށް ގޮސްފައި ވަނީ މިއަދު ހެނދުނެވެ. އޭދަފުށިން ކޭމްޕުގެ ބައިވެރިންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

އެންވަޔަރަމަންޓް ކޭމްޕްގެ ބައިވެރިންނަށް އޭދަފުށިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި -- ފޮޓޯ: ގާލްގައިޑް އެސޯސިއޭޝަން

ކޭމްޕު ފެށުމުގެ ގޮތުން އެރަށުގައި ހުންނަ ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ޕްރެވެންޝަން ސެކްޝަންގެ ޑިރެކްޓަރު އަހްމަދު މުރުތާޒު ވިދާޅުވީ ކޭމްޕު ނިމިގެން ދާއިރު، ތިމާވެށީގެ މުހިންމުކަން ކޭމްޕުގެ ބައިވެރިންނަށް އެނގިގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ކޭމްޕުގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ “ފުޑް ސެކިއުރިޓީ އެންޑް ކްލައިމޭޓް ޗޭންގް ބެޖް” ގެ ހަރަކާތްތަކެވެ.

ގައިޑް ބްރާންޗުގެ 12-17 އަހަރުގެ ގައިޑު ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މި ކޭމްޕްގެ ތީމަކީ “ބަޔޮސްފިއާ ރިޒާވް” އެވެ.

ކޭމްޕްގެ ބައިވެރިން ތިމާވެއްޓާ ބެހޭ މައުލޫމާތު ހޯދުމަށް އެ އަތޮޅުގައި ހިމާޔަތްކޮށްފައިވާ އޮޅުގިރި އަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން ތިމާވެއްޓާއި ރަށްޓެހި ސޮނެވާފުށިގެ އިތުރުން މާޅޮހަށް ވެސް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ކޭމްޕް ކުރިއަށް ގެންދަނީ އެންވަޔަރަމެންޓް މިނިސްޓްރީއާއި ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހާއި ޔޫއެންޑީޕީ އަދި ސޮނެވާފުށި ރިސޯޓް ގުޅިގެންނެވެ.

ކޭމްޕު ނިންމާލުމަށް ފަހު ކޭމްޕުގެ ބައިވެރިން މާލެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.