ރައީސުލްޖުމްހޫރިއްޔާގެ ނައިބެއް މިވަގުތު ނެތުމުން ނޭޝަނަލް ޑްރަގް ކޮންޓުރޯލް ކައުންސިލްގެ (އެންޑީސީސީ)ގެ ޗެއާ އަކަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ހަމަޖައްސަވައިފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނީ ނައިބު ރައީސަކު ނެތުމުން އެންޑީސީސީގެ ޗެއާ އަކަށް ހޯމް މިނިސްޓަރު ހަމަޖައްސާފައިވާ ކަމަށެވެ.

އެންޑީސީސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ޓަކައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ސަރުކާރުގެ ފަރާތުން ދާދިފަހުން ވަނީ އިސްލާހުކޮށްފަ އެވެ.

އެ ގާނޫނު 23 ވަނަ މާއްދާ އިސްލާހު ކުރުމުގެ ކުރިން އެ މާއްދާގައި ބުނެފައި ވަނީ 12 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ޑްރަގް ކައުންސިލުގައި ހަ މިނިސްޓަރަކު ތިއްބަވަން ޖެހޭނެ ކަމަށެވެ.

ނަމަވެސް ގާނޫނަށް ގެނައި އިސްލާހުގައި ބުނީ ކައުންސިލްގައި މިނިސްޓަރުންގެ ބަދަލުގައި ތިއްބަވާނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން ނުވަތަ ޑެޕިއުޓީ މިނިސްޓަރުންގެ ތެރެއިން ރައީސް ކަނޑައަޅުއްވާ ބޭފުޅެއް ކަމަށެވެ.

އިސްލާހު ކުރި ގާނޫނުގައި ބުނެފައި ވަނީ ކައުންސިލުގައި މިހާރު ތިއްބަވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، ހޯމް މިނިސްޓްރީގެ މަންދޫބަކާއި އެޑިޔުކޭޝަން މިނިސްޓްރީގެ މަންދޫބަކާއި ހެލްތު މިނިސްޓްރީގެ މަންދޫބަކާއި ޔޫތު މިނިސްޓްރީގެ މަންދޫބަކާއި އިސްލާމިކް އެފެއާޒް މިނިސްޓްރީގެ މަންދޫބަކާއި ބަންޑާރަ ނައިބުގެ މަންދޫބަކާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އާއި ޗީފް އޮފް ޑިފެންސް ފޯސް އާއި ޕޮލިސް ކޮމިޝަނަރާއި ޕްރޮސެކިއުޓާ ޖެނެރަލު ކަމަށެވެ.